ކޮވިޑް-19 ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އިތުރު 1،572 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 1،315 މީހަކު ފައްސިވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 242 މީހަކު އަތޮޅުތެރޭގެ ރަށްތަކުން ފައްސިވެފައިވާއިރު، 15 މީހަކު ފައްސިވެފައިވަނީ ރިސޯޓުތަކުންނެވެ.

މިބަލީގައި މިވަގުތު 12،873 މީހަކަށް ފަރުވާ ދެމުން އަންނައިރު، 263 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އޭގެތެރެއިން 5 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 6 ބޭފުޅަކަށް ފަރުވާ ދެމުން ދޭ. އޭގެ ތެރެއިން 3 ބޭފުޅަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި. 17 ވަނަ ފަންގިފިލާގައި 5 ބޭފުޅަކަށް. 16 ވަނަ ފަންގިފިލާގައި 6 ބޭފުޅަކަށް ފަރުވާ ދެމުންދޭ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 222 ބޭފުޅަކަށް ވޯޑުގަ ހިދުމަތް ދެމުންދޭ. އަދި 8 ފަރާތެއް އައިސީޔޫގައި ހިދުމަތް ދެމުންދޭ. އައިސީޔޫގައި ފަރުވާ ދެމުންދާ ބޭފުޅުންގެ ތެރެއިން 2 ބޭފުޅަކު އޮތީ ވެންޓިލޭޓަރުގައި" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވޭދަނަތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އިންސައްތަ ވެސް އަންނަނީ އިތުރުވަމުންނެވެ.