އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ނަން ހިމެނޭ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް މަހްލޫފް ވަނީ އިއުލާން ކުރައްވައިފައެވެ. އަދި އަކްރަމް ވެސް ވަނީ މާލެ ސިޓީ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފައެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހުނަށް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އިސްލާހެއް ވެސް ފާސްކޮށްފައެވެ. މި އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ.

ބޮންޑެ "ވަގުތު" އަށް ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު އިޤްރާރެއްގައި ސޮއިކުރަން ޖެހެއެވެ. އޭގައި ބުނާ ގޮތުން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ނުވަތަ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ވެސް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ނަން ނުއޮންނާނެ ކަމުގެ ޔަގީންކަން ދޭން ޖެހެއެވެ.

"ލިސްޓުގައި ނަން އޮވެއްޖެނަމަ، އެ އިގްރާރާ ފުރަތަމަ ވެސް ޚިލާފް އެ ވެވެނީ، ދެން ޕާޓީގެ ތެރެއިން އެ އޮންނަ މަރުހަލާއެއްގައި އެ ކަން ބަލާފަ ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން އެ މީހުންގެ ނަން އުނި ވެސް ކުރަން ޖެހޭނެ، އުސޫލެއްގެ ގޮތުން ބުނާނީ ލިސްޓުގައި ނަން އޮވެއްޖެ ނަމަ އެ މީހަކަށް ވާދައެއް ނުކުރެވޭނެއޭ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ، މި ބަދަލުތަކަކީ ޕާޓީގެ އެތެރެއަށް ކޮންމެހެން ވެސް ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށެވެ. މީގެ އިތުރުން ޖިނާއީ ކުށެއްގެ ރެކޯޑް އޮތް މީހުނަށް ވެސް ވާދަނުކުރެވޭ ގޮތަށް އޮތުމުން މަގާމުތަކަށް އެފަދަ ބޭފުޅުންނަށް ނާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ އެތެރެއާ ހަމައިން މިފަދަ ކަންކަން އިސްލާހު ވެގެން ނޫނީ ޤައުމުގެ ކަންކަން ވެސް އިސްލާހު ކުރަން ދަތި ވާނެ ކަން ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭ ގޮތުން މަހްލޫފާއި އަކްރަމްގެ ބަހެއް ހޯދުމަށް ދެ ބޭފުޅުންނަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގާތްވެފައިވަނިކޮށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ޚިޔާނާތާ ދުރު ބަޔަކު ޕާޓީގެ ޤައުމީ މަޖިލީހަށް އިންތިޚާބު ކުރުމަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް ބޭރުގެ އޮޑިޓިން ފާމަކާއި މަޖިލީހާ ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަރާރެއް ވެސް ނަޝީދު ހުށަހެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޖޫ

    ތީހަމަ ސީދާ މަޙްލޫފަށް އަމާޒުކޮށް އަންނި ގެ ބައިގަނޑު ފާސްކުރި އިސްލާހެއް. އަދި މަހްލޫފް އެނބުރި އަންނާނެ. ދިވެހިރާއްޖޭގެ ރައީސްކަންވެސް ކުރާނެ.

    4
    15
  2. ާައަހުމަދު

    މިކަހަލަ މީހުންނަ ވާދަ ކުރެވިގެން ނުވާނެ.

    13
    1
  3. Anonymous

    އަދިވެސް ބޮޑީ ކޮށްކޮށްފަ މާރީތި ހަށިގަނޑެއްދެއްކުވޭތޯއުޅޭ މުޅިފޫކޮޅުގައި ނަޖިސް އޮތަސް

    13
    1