ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫގެ 300 އަށްވުރެ ގިނަ ގެއަކަށް ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މީގެ ދެ ދުވަސް ކުރިން ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު، ދަނީ ބޯކޮށް ވާރޭވެހުމުންނެވެ. މިކަމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަަށް ވަނީ ގެއްލުންވެފައެވެ. އަދި ބައެއް ރަށްތަކުގެ މަގުތައް ފެންބޮޑުވެ، އާއްމުން ހިނގާބިގާވެ ނޫޅެވޭވަރު ވެފައިވާއިރު، ބައެއް ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) 'ވަގުތު' އަށް ވިދާޅުވީ، އައްޑޫ އަށް ކުރަމުންދާ ވިއްސާރާގައި އެ ސިޓީގެ 300 އަށްވުރެ ގިނަ ގެތަކަށް އެކި ކަހަލަ ގެއްލުންތައް ލިބުނު ކަމަށެެވެ.

އައްޑޫ ސިޓީ މަގެއްގައި ފެންބޮޑުވެފައި

"315 ގެއަަކަށް ގެއްލުންވި، އެއީ ހިތަދޫން 135 ގެއަކަށް، ބޮޑުވަރުވީ 75، ފޭދޫން 84، ހަތަރު ގެއަކަށް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވި، މީހުން ބަދަލު ކުރަން ޖެހުނު، ކޮޓަރިއެއްގައި އެބަތިބި އެ މީހުން ބަހައްޓާފައި. މަރަދޫ ފޭދޫ 40ގެ، ބޮޑުވަރުވީ 26 ގެެ، މީދޫން 26 ގެއަށް އެކި ވަރުގެ ގެއްލުންވި، މަރަދޫ 13 ގެއަށް އެއްކޮށް ގެއްލުންވި، 15 ގެއަށް ވަރަށް ބޮޑެތި ގެއްލުންވި، ހުޅުދޫ ހަތް ގެއަކަށް ފެނުގެ އަސަރު ކުރި، އެގެތަކުގައި ވެލިބަސްތާ ޖަހައިގެން ހައްލުވި" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، އެ ސިޓީގެ ރަށްތަކުން ފެން ހިއްކުމުގެ ކަންކަން ޕަމްޕް އަޅައިގެން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ހިތަދޫން ވަރަށް ބޮޑަށް ފެން ހިއްކާފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. މިކަމުގައި ރަށުގެ އާއްމު ރައްޔިތުންނާއި އިންތިހާބީ ކައުންސިލަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ސޯބެ ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ މޫސުމާއި ގައުމީ އިދާރާ (މެޓް)އިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ އައްޑޫ ސިޓީގެ ގަމަށް ކަމަށެވެ. އެއީ 164 މިލިލީޓަރުގެ ވާރޭ އެވެ. އަދި އައްޑޫ ސިޓީ ހިތަދޫއަށް 157 މިލިލީޓާރުގެ ވާރޭވެހިފައިވާ ކަމަށާއި، ހުޅުމީދޫއަށް 130 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ގެއްލުންތައް ވަމުންދާއިރު، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލާއި،އޮރެންޖް އިންޒާރުވެސް ދަނީ ނެރެމުންނެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުކުމް

    ސޯބެއަށް އެގޭނީ ހިތަދޫގެ ވާހަކަދައްކަން އެހެން ރަށަކަށް ލިބިނު ގެއްލުމެއް ނޭގޭނެ ރޭގަ އެހީއަކަށް އެދި އަލުގަޑު ނުގުޅާ ތަނެއް ނެތް އެކަމަކު އެއްވެސް ފަ ރާތަކުން ބަލާލަންވެސް ނާދޭ

  2. ރަދީފް

    ސިޓީ؟ ތަން ތަރައްގީ ނުވާކަމުގެ ފުރިހަމަ ހެއްކެއް.ގެއްލުން ލިބުނު ފަރާތްތަކުގެ ގިލަންވެރިކަމުގަ ބައިވެރިވަން.މިއީ އަބަދުވެސް އައްޑޫގެ ރަށްރަށުގަ ދިމާވާ މައްސަލައެއް.މިހެން މިކަން ދިމާވީމަ އަބަދުވެސް މާލެއިން ވަފްދެއް ގޮސް ލިބުނު ގެއްލުން އެސެސް ކުރުމަށްފަހު ގެއްލުން ލިބުނު ގެތަކުން ބައެއްގޭގެއަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދޭނެކަމަށް ބުނެފަ އެމީހުން ޗުއްޓީ ހަދާފަ އަންނާނީ މާލެއަށް.މިހެން ހެދީމަ ދުވަހަކުވެސް ފެން ބޮޑުވުން ހުއްޓުވޭނެ ދާއިމީ ހައްލެއް ނުލިބި ސިޓީއެއްގެ ދަރަޖަ ލިބިގަނެގެން މަމެންގެ އަތޮޅު މީހުން އެތިބެނީ.ދެރަ ދޯ މިހެންވީމަ.ނޫސްވެރިންވެސް މިފަދަ ކަންކަން ދިރާސާ ނަޒަރަކުން ރިޕޯޓެއްގެ ގޮތުގަ ގެންނަން އެބަޖެހޭ.ވ.ވެދުން

  3. ކާފަބޭ2020

    ސޯބެއަށްމުހިންމުވީ ރައިއްޔަތުންނަށްވުރެ ފުރާދުވަހު ވަގުތުބަލާފަ އެވަގުތަށް ދިދަނެގުމެވެ. އެއީ ކީއްވެކަންއިގޭނީ ހަމަސޯބެއަށެވެ. އެބޭބުނިގަޑިއަށް އެކަންކުރެވޭތޯ ބަލާނެތާ! ދެންފަހަރަކަށް ގޮނޑި ހޯދޭނީބުނާބަސްއަހައިގެންނެވެ.