ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ހއ.އުތީމުގެ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެ ރަށު ކައުންސިލުން "ވަގުތު" އަށް ބުނީ އުތީމަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރު ކުރީ ބަނދަރަށް ކަމަށެވެ.

އެގޮތުން ބަނދަރުގެ ހުޅަނގު ފަރާތުގެ ފައިކަށި ރޫޅިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެކަމުގެ ސަބަބުން އެ ރަށުގެ ކަނޑިންމަ އަށް ބޮޑެތި އުޅަނދުތަކަށް ވަނުމަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

" ދެ ނެރުބައްތި ވެސް އެއްކޮށް ހަލާކުވެއްޖެ. ބަނދަރު ސަރަހައްދުން ވެސް އުދަ އަރާ. ދޯނި ފަހަރަށް ވެސް ގެއްލުން ވަނީ ވެފައި. 10 ވަރަކަށް ރުށް ވެއްޓުނު. 2000 އަކަފޫޓުގެ 48 ދަނޑު ދޫކޮށްފައި އޮތް. އެތަންތަނަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި. ވާ އައްސާ ގޮތަށް ބަނދަރުގައި ހުރި ތަންތަން ވެސް ހަލާކުވަނީ." ކައުންސިލުން ފާހަގަކުރިއެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ އަސަރު ހއ.ގެ އެހެން ބައެއް ރަށްތަކަށް ވެސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސަރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

މިދުވަސްތަކުގެ ރާއްޖޭގެ ބޮޑު ބަޔަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 5 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ. އަދި ކަނޑުތައް ގަދަވާ ދުވަސްދުވަހު ބައެއް ރަށްތަކަށް އުދައެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިކް

    އުތީމު ވަށައިގެން ބޮޑު ހިލަޖަހާ ރަމގަޅަށް އީއައިއޭ ހެދިފަ ނެތީމަކަމަށް ޕީޕީއެމުން އަންގަނީ

    1
    1