ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލައި ފާސް ކުރަން ފަށާފައި ވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިން ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓަން ފެށީ ރެއިން ފެށިގެންނެވެ. އެއާޕޯޓު ބޭރުގައި އެސްއޯ ފުލުހުން ރެއިން ފެށިގެން ހަރަކާތްތެރިވި އިރު، ސިފައިން ހަރަކާތްތެރިވަނީ ހަތިޔާރާއެކު ހަރަކާތްތެރިވަނީ އެއާޕޯޓު ތެރޭގައެވެ.

"ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ، ރެއިން ފެށިގެން ވެލާނާ އެއާޕޯޓްގެ ސެކިއުރިޓީ މަތިކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ނަމަވެސް މައުލޫމާތު އެނގޭ މީހަކު ކިޔައި ދިން ގޮތުގައި، ވީއައިއޭގައި ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއާޕޯޓުގައި ބޮމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިގެންނެވެ.

މި މައުލޫމާތާއެކު، އެސްއޯ ފުލުހުން އެއާޕޯޓަށް އަންނަ ކޮންމެ އުޅަނދެއް ބަލައި ފާސް ކުރަމުންދާ ކަމަށްވެެއެވެ. އެގޮތުން ކާރާއި އެހެނިހެން އުޅަނދުފަހަރު، ހުއްޓުވައި ޑިކީ ފަދަ ތަންތަން ވެސް ބަލައި ފާސް ކުރަމުން އަންނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއްދީ، އެމަނިކުފާނު ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަންވިލާތަށް ގެންގޮސްފައިވާ އިރު، ބޮމުގެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި ހައްޔަރު ކުރި ތިން މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

މި ހަމަލާ އަށް ފަހު، ފުލުހުންނާއި ސިފައިން ދަނީ ހާއްސަ އިސްކަމެއް ދީގެން މާލެ ތެރެ ބަލަހައްޓަމުންނެވެ. އެކަމަކު، މިއީ ބޮމުގެ ހަމަލާ ދިން ފަހުން އެއާޕޯޓުގެ ސަލާމަތީ ކަންކަން މިހާ ވަރުގަދަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.