ފ. ފީއަލުން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފީއަލި ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ މައުލާތައް ބަލާއިރު، މިއަދު މެންދުރު 15:0 ގެ ކުރިން އެރަށުން 10 މީހަކު ފައްސިވެ މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 113 އަށް އަރާފައެވެ.

އެރަށުން ނެގި 964 ސުންކުގެ ތެރެއިން މިހާތަނަށް 777 ސުންކު ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި 84 ސުންކު އެބަ ހުއްޓެވެ.

އެރަށުން 9 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު 94 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ހާލު ދެރަވެގެން ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

މާލެ ފިޔަވައި އަތޮޅުތަކުގެ ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ބަލި ފެނިގެން 44 ރަށެއް މޮނިތަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 41،308 އަށް އަރާފައިވާއިރު، އިއްޔެ އަލަށް 1،216 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 201 މީހަކީ އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާ މީހުންނެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 27،428 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 13،784 މީހަކަށެވެ. އޭގެ ތެރެއިން 259 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހިގެން 91 މީހަކު ވަނީ ނިޔާވެފައެވެ.