ސްރީލަންކާއަށް ދަތުރު ކުރާ އެންމެން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކު ގައްޔާއި ސްރީލަންކާގައި އަނެއްކާ ވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އެކަމާ ގުޅިގެން އެގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 11 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާން ޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭގެ ތެރޭގައި ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ދަތުރުކުރާ 12 އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" ޕީސީއާރު ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" ޕީސީއާރު ޓެސްޓުގެ ނަތީޖާ ނައްސިވުމުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ PCR ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަނި ކަމަށެވެ.

ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީ ނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރު ކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނު ވާން އެންގި ނަމަވެސް އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ މިނިސްޓްރީން ވަނީ އެގައުމަށް ދަތުރު ކުރާ ފަރާތްތަކުން އެކަމުގެ މައުލޫމާތު އޮޅުންފިލުއްވައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.