ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.

މިރޭ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސަބުތަކަށް ބަލާއިރު މިހާރު 290 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މިއީ އެޑްމިޓް ކޮށްގެން ހޮސްޕިޓަލްގައި ފަރުވާދޭ ކޮވިޑް ބަލި މީހުންގެ އަދަދު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރޭ އާއްމުކުރި މައުލޫމާތައް ބަލާއިރު އޭރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 259 މީހުންނަށެވެ. އޭގެތެރެއިން ހަތަރު މީހަކު މިއަދު ވަނީ ނިޔާވެފައެވެ. ހާލަތު ރަނގަޅު ވެގެން މިއަދު ހޮސްޕިޓަލުން ދޫކޮށްލި މީހުންގެ އަދަދު އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ލިބެން ހުރި މައުލޫމާތައް ބަލާއިރު 35 މީހުން މިއަދު އެކަނިވެސް ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މެއި މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދިޔައީ 161 މީހުންނަށެވެ.

މިހާރު ރާއްޖޭގައި 15003 ކޮވިޑް ބަލި މީހުން އެބަތިއްބެވެ.

1467 މީހަކު ކޮވިޑަށް ފައްސިވިކަން މިރޭ ވަނީ އިއުލާންކޮށްފައެވެ. ކޮވިޑަށް ފައްސިވި 1467 މީހުންގެ 1267 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ. 182 މީހުންނަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންނެވެ. ބާކީ ތިބި 18 މީހުން ފައްސިވީ ރިސޯޓްތަކުންނެވެ.

މިއަދު އިއުލާންކޮށްފައި ވަނީ ކޮވިޑަށް ޓެސްޓްކުރި 5037 މީހުންގެ ނަތީޖާއެވެ. ޓެސްޓްތަކުގެ އަދަދާއި ފައްސިވި އަދަދަށް ބަލާއިރު ކޮށްފައިވާ ޓެސްޓްގެ %29.12 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ކުރި ޓެސްޓްތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހައުސްޓެން343

    ލޮކްޑައުނަށް ދިޔައިމަ މައިތިރި ވާނީ

  2. ާއަހުމަދު

    ބަލިވެގެން (ކޮވިޑުއަލާމާތް ފެނިގެން) ޑ ރައް ދެއްކީމަ ޓެސްޓުހަދާފަ ނަތީޖާ ލިބެނީ ހަތަރު ފަސްދުވަހުން
    ގުޅާފަ ބުނަނީ ކަލޭ ޕޮޒިޓިވް ޑޮކުޓަރުންގެޓީމުން ފަހުން ގުޅާނެއޭ
    ދެދުވަސް ވާއިރުވެސް ކާާނެ ބޭސްގުޅައެއްނުލިބޭ
    ބޭސް ސިޓީ ލިބެނީހަފުތާއެއް ފަހުން
    މިބަލި ބޭސްނުކާ ރަގަޅުވާނެތަ

  3. ތަކުރެެ

    ޢަދިވެސް ރައްރަށަށް ގެސްޓުން ގެނައުމަކަށް ބަދަލެއް ނަަދެެ ސަރުކާރުން ބޭނުންވަނީ ބަލި އާއްމުކުރަން

  4. އަސްވާނު

    ވެރިންނަށް ކޮންކަމެއް ކުރެވެނީ، މިހާރު ރާއްޖޭގައި އެންމެ ޚިދުމަތްތެރި ބަޔަކީ ޞިއްޙަތާއި ގުޅޭ ބޭފުޅުން ކޮުޅު އެކަނި، ދެންތިބީ މަ ޕާޓީ މަޕާޓީ