ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ފަސް ވަނަ މީހަކު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިރޭ 11:53 ހާއިރު އުމުރުން 63 އަހަރުގެ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދިއެ މިހާއަކީ ކޮޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 92 އަށް އަރާފައެވެ.

މިއަދު މީގެ ކުރިން ކޮވިޑް ޖެހިގެން ނިޔާވީ ހަތަރު ފިރިހެނުންނެވެ. އެއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 86 އަހަރުގެ މީހަކާއި 64 އަހަރުގެ މީހެެއްގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ މީހަކާއި އައިޖީއެމްެއެޗްގެ އީއާރްއަށް މިއަދު މެންދުރު ގެނައި 78 އަހަރުގެ މީހެކެވެ.

މިހާރު ރާއްޖޭގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

އަދި ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައްވެސް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، އެ ބައްޔަށް ފައްސިވެ ހޮސްޕިޓަލްތަކުގައި ފަރުވާދޭ އަދަދުތައްވެސް ހުރީ ރެކޯޑް މިންވަރަކަށް މަތީގައެވެ.

މިހާރު ރާއްޖޭގައި 15003 ކޮވިޑް ބަލި މީހުން އެބަތިއްބެވެ.

އަދި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 42،775 އަށް އަރާފައެވެ.