ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ނިމެންދެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މަޖިލީހުގެ މެންބަރަކަށް ލިބިވަޑައިގެން މިނިސްޓަރު މާރިޔާއަށް އެންގެވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ މެންބަރު ފުލުހުންނަށް އެ މައުލޫމާތު ޚިއްސާ ކުރެއްވުމަށް އެންގެވި ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވުމާއެކު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ބަޔާނެއް ނެރުއްވިއެވެ. އޭގައިވާ ގޮތުން މާރިޔާ ފާހަގަކުރައްވާ މެންބަރަކީ އޭނާއެވެ. އެކަމަކު ފުލުހުންނަށް މައުލޫމާތު ޚިއްސާ ކުރައްވަން މާރިޔާ އަންގަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ޚިއްސާކުރައްވަމުން ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަހުގީގު ނިމެން ދެން، މިނިސްޓަރު މާރިޔާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަކީ ދެފުށް ފެންނަ ތަހުގީގަކަށް މުހިއްމު ކަމެއް ކަމަށެވެ.

"މިހާރު ތިލަވާ މައުލޫމާތާއި، ޕްރެސްގައި ދެއްކި ވާހަކައަށް ބަލާއިރު މި ނޫން ގޮތެއް ނުފެނޭ،" އިދިކޮޅު ޕީޕީއެމްގެ މެންބަރު ތޯރިގް ލިޔުއްވާފައިވެއެވެ.

ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕާއި ސަޕޯޓަރުންގެ އިތުރުން އެމްޑީޕީއާއި ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން ވެސް ހިމެނެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަތުމަށް ހިންގަވާފައި ދަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީމަގު ކަންމައްޗަށް ވަޑައިގެންނެވި ތަނާ އެއްޗެއް ގޮއްވާލައިގެނެވެ. އެއީ ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެކެވެ.

ނުރައްކާތެރި ރޭޒާ ފުށް ބޭނުންކޮށްފައިވާ އައިއީޑީ ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނަށް ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭއިން ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ސާރަޖީތަކެއް ހައްދަވައި އެމަނިކުފާނަށް ދެއްވި ފަރުވާއަށް ފަހު މިހާރު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަންވިލާތައް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބިންގޯ

    ނުދޭނެ. އެވަރުގެ ހިއްވަރެއް ނުހުންނާނެ.

  2. މައިކް

    އަޅެމިގައުމުގަ މިނޫނީ ދެން ކަމެއްނެތީތާ. ކީވެތަ މިމީހުން އަގަނުހުޅުވަނީ ރައިތުްނ ހާލުގަ ޖެހުނީމަ. މުޅިގައުމް ބަލިފެތުރި މީހުން މަރުވެ ރައިތުން ނިކަމެވެތިވާއިރު ކީވެތައަގަނުހުޅުވަނީ. ބަލަގަ ބީތައިންތަކާ އެވެސް ގައުމެއް ރައިތުންނައްވުރެ މުހިންމުބަޔަކުއުޅެތަ.ކަލޭމެން ވޯޓްހޯދަންވީމަދޯރައިތުން ހަދާންވަނީ

  3. ވގ ޔނ

    މީހުންގެ ވާހަކަނުދައްކާ އެ ފައިސާތައް ދައްކަބަލަ އެހެންވެދޯ މިހާ އަގަ އަރުވަނީ

  4. ނިޒާމް

    މާރިޔާއޭ ނުކިޔާ ކަލޭ އިސްތިއުފާ ދިނިއްޔާ މާތާހިރުވާނެ، ބައިތުލްމާލު ދަވާލާފަ،

  5. ލާރިދޯޅު

    ހިޔާނާތުގެ ފައިސާ ލިބުނު މީހުންވެސް އިސްތިއުފާ ދޭންޖެހޭނެ..

  6. އާދިލް..

    މިކަމާ މާރިޔާގެ ބަހަކީ ކޮބާ..؟ އަދި ސޯލިހު ބުނަނީ ކީކޭ.. އަނެއްކާ އެހާ ސުލޯކޮއް ޖަވާބު ދޭންނިންމަނީތަ.

  7. Anonymous

    ކަލޯ ކުރި ވައް ކަމާ ކަލޯ ވީ ޚިޔާނާތާ ކަލޯގެ ނަފްސުގެ މައްޗަށް އަނިޔާވެހުރެގެން އެހެން މީހުން އިސްލާޙު ކޮށް އެހެންމީހުންގެ ޙައްޤުތަށް ހޯދާ އެހެންމީހުންނާ މެދު ފިޔަވަޅު އަޅާން ދަޢުވާ ކޮށް އަޑުއުފުލާން ނޫޅޭ. ބަހާ ޢަމަލާ ދިމާވާންޖެހޭނެ.
    އެހެންނޫނީ މެންބަރު ކަމުގާ ތާރިޤު ހުރުމެ ކޭ ނުހުރުމެ ކޭ ވާނީ އެއްވަރު.