އަރަބި ކަނޑުގައި އުފެދުނު ތޫފާން "ޓައޫޓޭ" މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެ އާއި ދުރަށް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ތޫފާން "ޓައުޓޭ" މިހާރު ހުރީ ހއ.ތުރާކުނުގެ އުތުރުން ގާތްގަޑަކަށް 400 މޭލު ދުރުގައި ކަމަށެވެ.

ތޫފާން ދަތުރުކުރަމުން މިން ދާނީ އުތުރުހުޅަނގުއުތުރަށް ގުއުތުރަށް ރާއްޖެއާއި ދުރަށް ކަމަށާއި މި ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަޙައްދަށް ޖެހެމުންދާ ގަދަވަޔާއި ވިއްސާރަ މިރެއިން ފެށިގެން މަޑުވާންފަށާނެ ކަމަށް ބެލެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ނަމަވެސް ހުޅަނގުމޫސުމުގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެއިދާރާ އިން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއަދާއި މާދަމާ ވެސް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހަތަރު ފޫޓާއި އަށް ފޫޓާއި ދެމެދުގައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.