ކަރަންޓީނުގައި ނެެތް ދެެ މީހަކު ކޮވިޑް-19 އަށް ފައްސިވެ ދ. ހުޅުދެލި މޮނިޓަރިންނަށް ލައިފިއެވެ.

ހުޅުދެލީ ކައުންސިލްގެ ރައީސް އިސްމާއީލް ނިޒާމް "ވަގުތަށް" ވިދާޅުވީ، އެރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ ރަށުން ނެގި ދެ ސުންކެއް ފައްސިވުމާ ގުޅިގެން ކަމަށެވެ. އެ ރަށުން ފައްސިވެފައި ވަނީ އުމުރުން 30 އަހަރުން މަތީގެ އަންހެނަކާއި ފިރިހެނެކެވެ.

އެއީ ދެމަފިރިން ކަމަށް ނިޒާމް ވިދާޅުވިއެވެ.

ފައްސިވެފައި ވަނީ ހުން އައިސްގެން ޑޮކްޓަރަށް ދެއްކި ދެމަފިރިން ކަމަށާއި، މި ދެމަފިރިންނާ ގާތުން ބައްދަލުވެފައި ތިބި މީހުން ދިރިއުޅެމުން އަންނަ 24 ގެއެއް މިހާތަނަށް ކަރަންޓީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެމަފިރިންނަކީ އެއްވެސް ތަނަކަށް ދަތުރުކޮށްފައިވާ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 50 ރަށެއް މޮނިޓަރިންނަށް ލާފައިވާއިރު އޭގެ ތެރޭގައި ދ. އަތޮޅުގެ ތިން ރަށް ވަނީ މޮނިޓަރިންނަށް ލައިފައެވެ. ދ. ބަނޑިދޫގެ އިތުރުން ކުޑަހުވަދޫ އަދި ހުޅުދެލިިވެސް މިހާރު އޮތީ މޮނިޓަރިންގައެވެ.

އިއްޔެ ރާއްޖެެއިން ޖުމްލަ 1467 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މީގެ ތެރެއިން 1267 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ. 182 މީހުންނަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންނެވެ. ބާކީ ތިބި 18 މީހުން ފައްސިވީ ރިސޯޓްތަކުންނެވެ.