ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރާނަފުޅު ދުއްވާލުމަށް ރިޔާސީ ލޯންޗް ކޮޅުގައި ބޮންގޮއްވާލި ހާދިސާއާއި، ދާދި އިހަކަށް ދުވަހު މަޖިލީސް ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނިބުރުވެރި ހަމަލާގެ ހަނދާންތައް އާ ކުރައްވާ، އޭރާއި މިހާރުގެ ހާލަތަށް ރިއާޔަތްކޮށް މާލެ އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސް މުހައްމަދު ނިމާލް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ސިޓީީއެއް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހަށް އެޑްރެސް ކުރައްވާ ފޮނުވި މި ސިޓީގައި ނިމާލް ވަނީ ރިޔާސީ ލޯންޗް ކޮޅު ގޮއްވާލި މައްސަލަ މި ސަރުކާރުން ތަހުގީގު ކުރަމުން ނުދާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާގޮތުން މި މައްސަލަ ތަހުގީގު ނުކުރަނީ، ވެރިކަން ހޯދުމަށްޓަކައި ހެދި "ޑީލެއް" ގެ ދަށުންނެވެ.

2015 ވަނަ އަހަރުގައި، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް މީގެ ކުރިން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، މި ވެރިކަމުގައި، ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ، ދަށު ކޯޓަށް އަންގައިފައެވެ.

މި މައްސަލަ ނުބެލި ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ރާއްޖޭގައި ވެރިކަން ކުރި އިތުރު ރައީސްއަކަސް އަމާޒުކޮށް މިވަނީ ނިބުރުވެރި ހަމަލާއެއް ދީފައެވެ. ރައީސް ނަޝީދަށް ދިން މި ހަމަލާ ކުއްވެރިކޮށް ރައީސްސޯލިހް ވިދާޅުވެފައި ވަނީ އެއީ ޑިމޮކްރަސީއާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށެވެ. އެ ބަސްކޮޅަށް އިޝާރާތް ކުރައްވާ ނިމާލްގެ މި ސިޓީގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިިކަމުގައި މިފަދަ އެތައް ހަަމަލާއެއް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަތައް ބެލޭ މަންޒަރެއް ފެނިގެން ނުދާ ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީންއާއި ރައީސް ޔާމީންގެ އާއިލާ ނެތިކޮށްލަން ލޯންޗުގައި ހިންގި ނިރުބަަވެރި ހަމަލާ ކުއްވެރިކޮށް އޭރު ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެނިގެން ދިޔައީ އުފާ ފާޅުކޮށް މިފަދަ ބިރުވެރި ތަނަކަށް ޓުއަރިސްޓުން ނާންނަށް ފެށުނީއްސުރެން ގޮވަމުން ދިޔަ ގޮވެލި ފައްޗަށް އިތުރު ބާރެއްލީ ތަނެވެ." އެ ސިޓީގައި ނިމާލް ވިދާޅުވެފައިވެއެވެ.

ނިމާލް ވިދާޅުވީ މާޒީ އިޔާދަ ވުމުން، ފެންނަ މަންޒަަރު ތަފާތު ކަމަށެވެ. އޭރު މިފަދަ ހާދިސާއެއް ހިނގުމުން، ހަޖޫ ޖަހައި މަލާމާތް ކުރި މީހުން މިއަދު ނިކަން ސީރިއަސްވެގެން އުޅޭ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ. އަދި އޭރު އިދިކޮޅުގައި ތިބެ އެމްޑީޕީއިން އެކަން ސިޔާސީ ކުރި ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެކަން ފާހަގަކުރެއްވިއެވެ.

ނިމާލް ވިދާޅުވީ މި ސަރުކާރުގެ ވާދަވެރިން ރައީސް ނަޝީދަށް ހަޖޫ ޖެއްސެވުމުގެ ބަދަލުގައި، އެ ހަމަލާ ކުށްވެރި ކުރައްވާ ހެޔޮ ދުއާ ކުރެއްވިއެވެ. މިސިޓީގައި އޭނާ ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ އަވަސް މިނުގައި ރައީސް ޔާމީނަށް ދިން ހަމަލާވެސް ތަހުގީގުކުރުމަށް ގޮވާލާފައެވެ. އަދި މާޒީގައި ހިނގާފައިވާ ހިތާމަވެރި ބައެއް ހާދިސާތައް ކަމަށްވާ ބްލޮގަރ ޔާމީން ރަޝީދު އާއި ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލާގެ ތަހުގީގުވެސް އެ ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    އަސްލު ވ ވ ފުރިހަމަ ތެދު ވާހަކަ ހުރި ސިޓީ އެއް މަވެސް ބަލާލިން . ސިޓީގަ ވަނީ އޭރު ކަން ވީގޮތާ މިހާރު ކަން ކަން ހިނގަމުން ދާ ގޮތް. ވެދާނެ ކިންބުލާ ބަކަ މޫން ޖެހުނީމަ ވެފަ އޮތް ގޮތް ދޯ ވަމުން ވެސް ދާނީ؟

    5
    1
  2. ހިތްވަރު

    ތިފަދަ ޤާބިލް ދިވެހިދަރިން މިޤައުމަށް ބޭނުންވަނީ ވވ ރަށް ފުރިހަމަކަމާއިއެކު ތިފަދަސިޓީއެއް ޢާމްކުރެއްވީތީ "ވަގުތު"ނޫހަސް ވަރަށްބޮޑަށް ޝުކުރުދަންނަވަން!