އައްޑޫ ސިޓީގައި ނިރުބަވެރިކަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރުގެ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަހުމަދު ނާހިދު ޖަމާލް 31،އެވެ.

އޭނާއަކީ "ވަގުތު" ން އައްޑޫގެ ހަރުކަށި ފިކުރު އޮތް ގޮތާ ގުޅޭ ގޮތުން ނެރުނު ޑޮކިއުމަންޓްރީގައި ބުނާ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ "ސިނަމާ" ހިންގާ ގެއިންނެވެ.

"ވަގުތު" ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ސިނަމާއަކީ ހަރުކަށި ފިކުރުގެ މީހުން، އެ ފިކުރަށް ޖޯޝް ގެނައުމަށް ވީޑިއޯތަކާއި ޑޮކިއުމަންޓްރީ ދައްކާ ތަނެވެ. ހަރުކަށި ފިކުރުގެ މީހުން ކޮންމެ ދުވަހަކުހެން، އެ ތަނަށް ގޮސް މަޝްވަރާތައް ކުރާކަން އެނގިފައިވެއެވެ.

ނާހިދަކީ އައްޑޫގެ މަޝްހޫރު ވިޔަފާރިވެރި އާއިލާއަކަށް އުފަން މީހެކެވެ. ވިޔަފާރިތެރޭގައި ވެސް އުޅުނު ނާހިދު ހަރުކަށި ފިކުރުގެ ތެރެއަށް ލެނބުނީ އޭނާ ކުރި ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ބަޔަކު މީހުން އޭނާގެ ވިސްނުމާ ކުޅެ ހަރުކަށި ފިކުރަށް ބޯލެނބުނީ ދިރިއުޅުމުގައި ދިމާވި އެ ދަނޑިވަޅަށްފަހު އެކަމާއި "ޑިޕްރެސްވެގެން" އުޅެނިކޮށް ކަމަށް އާއިލާ އިން މައުލޫމާތު ދިން މީހަކު ކިޔައި ދީފައިވެއެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ސިނަމާ -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ނާހިދު މިހާރު އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާގެ ފިކުރު ބަދަލުވީ ފަހުން އާއިލާގެ އެހެން މެމްބަރުންނާއި ދުރުވެ މިހާރު އުޅެމުން އަންނަނީ އައްޑޫގެ ހަރުކަށި ފިކުރުގެ މީހުން އަންމުކޮށް އެއްވެ އުޅޭ "ސިނަމާ" ހިންގާ ގޭގެއެވެ.

އައްޑޫގައި ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަނެއް ހިންގާފައި މިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށާއި ސިފައިންގެ އިންޓަލިޖެންސަށް ލިބުމާ ގުޅިގެން ކަމަށްވެއެވެ.

ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި މިއަދު ކުރިއަށް ގެންދާ އިރު، މި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނާއި ދިވެއްސަކާއި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް އަނިޔާ ލިބިފައެވެ. މި ހަމަލާ ދިން ކަމަަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަަށް ފަހު، ސިފައިން ދަނީ މާލެ ތެރެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ފޯރިމަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަމީލުބެ

    ކަމާ ގުޅޭ މީހުން ހައްޔަރު ކުރާނީ ކިހާތާކު... މި ބުނީ ފުންޑު ކުރި މީހުން

    53
    4
  2. ދުންމާރި

    ކަމާގުޅޭ މީހުން ފަންޑުކުރިމީހުން އަޑީގަތިބިމީހުން ހައްޔަރެއް ނުކުރާނެ މިހާރު އެޖަހާ ސަކަރާތަކީ މައުލޫއު ބަދަލްކުރުން އަޑީގަތިބީ ލާދީނީ އެމްޑީޕީ އެމީހުން ފަނޑުކޮށް އަޑީގަ ތިބެގެން ރިޔާސީ ލޯންޗްވެސް ގޮއްވާލީ އަދި މުލިޔާގޭ ކައިރީ އޮތް ވެހިކަލެއްގަވެސް އައިޑީހަރުކޮށް ޔާމީނު މަރާލަންރޭވީ އަދި މިކަމަކީވެސް އެމީހުން އަޑީގަ ތިބެ ފަނޑުކޮށްގެން ހިންގި ޖަރީމާއެއް ތަޙްޤީޤުކުރިވަރަކަށް އަމިއްލަ އައުރަ ހާމަވާތީ ރާގު ބަދަލްކުރަން އެ އުޅެނީ ހަރުކައްޓޭ މަޑުކައްޓޭ ކިޔާފަ މީހުންގެ ވިސްނުން ބަދަލްކުރަން އެ އުޅެނީ މީ ޔަހޫދީންގެ ފަލްސަފާ

    44
    13
  3. ޙަތި

    ޢައްޑޫގައި މިމީހުން ކުދިންގެ ސިކުނޑި ދޮންނަމުން ދަނީ ފިސާރި ބާރަށް، ރައީސްގެ ދެލޯ މިރަށަށް ރަނގަޅަށް ފޯކަސް ކުރޭ، އަދި ދީނުގެ ސައްހަ މަޢުލީމާތު ދީ ކުދިން ހޭލުންތެރި ކުރުވާ

    37
    6
  4. ކާފަ

    ކަލޯ މިސަރުކާރަށް ހަރުކަށި މާނަ މި ކުރަނީ ނަމާދުކޮށް ޤުރުއާން ކިޔަވާމީހުންނަށް. ދީނަށް ފުރައްސާރަކޮށް ﷲ އަށް އެއްޗެހިކިޔާ ރަސޫލާށް ފުރައްސާރަކުރި ސަހިންދާމެންނަކީ މަޑުކަށި ހުދުކާފޫރު. ހިސާބުބައްލާ ދުވަހު ތިޔަ ހަރުކަށި މަޑުކަށި އެނގޭނެ

    69
    20
  5. އަގްލީ

    ތިނަދޫގައި މިއުޅެ 10 ވަރަކަށް ގޮލާވެސް އުފުރާލަބަލަ.

    39
    10
  6. ސައްލިމް

    ތިވެސް ދެންމީހާރު އީދުކުޅިވަރަކަށް ވެއްޖެ. ދެރަދޯ

    13
    6
  7. ޢަލީ

    އިޔާޒު ކޮންއިރަކު ހައްޔަރުކުރަނީ

    12
    9
  8. ދިމް

    ސިނަމާ އެކޭ. މަ ކަނބުލޮ ރަށުތެރޭގެ ހަބަރު ހާދަ ނޭގެއޭ

  9. އަޒީޒް

    ކީއްވެތަ ކަލޭމެންނައް ބަޑި ކޮނޑުއަޅުވައިހެގެން ހަމަ ތިގޮތައް ރާއްޖޭގައި އުޅޭ އިސްލާމް ދީނައް ފުރައްސާރަކޮއް ހަޖޫޖަހާ މީހުން ހިފާ ހައްޔަރުކުރަން ނުދެވެނީ.؟

    5
    1
  10. އަންތަރީސް

    ދެން މިމީހުންގެ ކުށަކަށްވާނީ ކޮންކަމެއްބާ.