ފުވައްމުލައް ސިޓީން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓީން އަނެއްކާވެސް ކޮވިޑްގެ ވޭދަނަތަކެއް ފެންނަން ފެށީ މެއި މަހުގެ ހަ ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހު ކޮވިޑަށް ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެ މީހާ ފައްސިވުމާއެކު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެ ސިޓީ ހޮސްޕިޓަލުން އާއްމުކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ޖުމްލަ 172 މީހަކު ވަނީ މި ފަހުން ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 99 މީހެކެވެ.

އެހެންކަމުން އެރަށުން ކޮވިޑަށް ފައްސިވި 75 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން ކޮވިޑަށް ފައްސިވި މީހުންނާއި ގާތުން އެއްތާވިި 14 މީހަކު އެބަތިއްބެވެ.

އެ ސިޓީން ފެންނަމުންދާ ވޭދަނަތަކާއި ގުޅިގެން މިހާރު އެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ފުވައްމުލަކުގައި މީގެކުރިން ވެސް ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނިގެން އެ ރަށަށް އަރައި ފޭބުން މަނާކުރިއެވެ.

ރާއްޖެ އިން މިހާތަނަށް 32،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 75 މީހުން ވަނީ ނިޔާވެފައެވެ.