އަތޮޅު ތެރޭގެ ރަަށްތަކުން މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ކ. މާފުށިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ.

މާފުއްޓަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ގިނަ ވޭދަނަތަކާއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންއެރަށަށް އަރައި ފޭބުން މަނާކޮށް ރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މާފުށިން ވަނީ 514 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 329 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް ޖެހިފައި ތިބީ 183 މީހުންނަށެވެ. މާފުށިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ހަމީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

އެރަށުން ފައްސިވި ދެ މީހަކު ވަނީ ނިޔާވެފައެވެ.

ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ބަލި ޖެހުނު ހަ މީހަކަށް ފަރުވާދެމުން ދަނީ ފެސިލިޓީތަކުގައެވެ.

މާފުށިން މިހާރު ފައްސިވަމުންދާ ވޭދަނަތަކާއި ގުޅިގެން އެރަށު 73 ގެ ހުރީ ކަރަންޓީންގައެވެ. އެރަށުން ކޮވިޑަށް ފައްސިވަމުންދާ މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންވެސް ހިމެނެއެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި މިހާރު ކޮވިޑް ފެތުރެމުންދާއިރު، މިހާރުވެސް 50 ރަށެއް އޮތީ މޮނީޓަރިންގގައެވެ.

ކިޔުންތެރިންގެ ހިޔާލު