ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން އެންމެ ބޮޑަށް އުދަ އަރާ ކަމަށް ރިޕޯޓްކޮށްފައިވަނީ އުތުރު ރަށްތަކަށެވެ. އެހެން ނަމަވެސް މެދު ރާއްޖެ ތެރޭގެ ރަށްތަކާއި ދެކުނަށް ވެސް އުދަ އަރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

އުދަ އަރަމުން އަންނަ ބައެއް ރަށްތަކުގެ ތެރެއިން ކ .ދިއްފުއްޓަކީ އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ، ހާލަތު ވަރަށް ގޯސްވާ ރަށެކެވެ. މެދު ނުކެނޑި ހަތަރު ދުވަހު އުދަ އަރައި އެރަށުގެ ގޮނޑުދޮށް ސަރަހައްދުގެ ހުރިހާ ގެއަކަށް ގޮތަކަށް ވަނީ ލޮނުގެ އަސަރު ކޮށްފައެވެ.

ދިއްފުށިން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރި މީހަކު ބުނެފައިވަނީ އެރަށަށް އިއްޔެއަށްވުރެ ބޮޑަށް އުދަ އަރާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ސްކޫލު ތެރެއަށާއި ބައެއް ގެތަކަށް ލޮނު ވަދެފައިވާ ކަމަށް އޭނާ ބުންޏެވެ.

ދިއްފުށީގައި ފެންބޮޑުވެފައި

"ސްކޫލް މި އިންނަނީ ގޮނޑުދޮށް ކައިރީގައި. ދެން ބައެއް ގެތަކަށް ވެސް ވަނީ ލޮނުގެ އަސަރުކޮށް ތަކެއްޗަށް ގެއްލުން ލިބިފަ. ބައެއް ގެތަކުގައި ހައްދާފައި ހުރި ގަސްތަކަށް ލޮނުގެ އަސަރުކޮށް ވަނީ މަރުވެފަ"

އެހާ ފުޅާކޮށް ނޫން ހަނިގޮތަކަށް އޮންނަ ދިއްފުށީގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ލޮނުގަނޑު ތިން އިންޗަށް އެބަ އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިއްފުށި ކައުންސިލްގެ ނައީބު ރައީސް އިބްރާހިމް މުބައްޝިރު "ވަގުތު" އަށް ވިދާޅުވީ، އުދަ އަރަމުން ދަނީ ރަށުގެ ހުޅަނދު ފަރާތުން ކަމަށާއި މިހާތަނަށް 11 ގެއަކަށް ލޮނު ވަދެ، ފަރުނީޗަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެގޮތަށް އުދަ އަރަމުން އަންނަތާ މިއަދަށް މިއީ ހަތަރު ވަނަ ދުވަސް ކަމަށާއި ހިތާމަ އަކީ އެފަދަ ހާދިސާތައް ހިނގުމުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކުގެ އެހީތެރިކަން ނުލިބުން ކަމަށެވެ.

ދިއްފުށީގައި ފެންބޮޑުވެފައި

"2017 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ވަނީ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައި. އެކަމަކު މިއަދާއި ހަމައަށް އެއްވެސް ކަހަލަ ހައްލެއް ހޯދައި ނުދެވުނު. މިފަހުން އުދަ އަރައިގެން ވެސް ވަނީ ލިޔުންތައް ހިއްސާ ކޮށްފައި. އެކަމަކު ޖަވާބެއް ނުލިބޭ. ހަމަ އެކަނި ޑިޒާސްޓަ މެނޭޖްމެންޓުން ގުޅާފައި ލިބުނު ގެއްލުން ބެލުމުން ނިމުނީއެއް ނޫން" މުބައްޝިރު ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތްތަކުގެ އެހީތެރިކަން ނުލިބުނު ނަމަވެސް، އާއްމު ރައްޔިތުންގެ އެހީތެރިކަން މިކަހަލަ ދަނޑިވަޅުގައި ލިބެމުން އަންނަ ކަމަށާއި ލޮނުގެ އަސަރު ކުރި ހުރިހާ ގެއެއް ގޮތަކަށް މިހާރު ވަލި ބަސްތާ ޖަހާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.