އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ނެތް އެހެން މީހަކު ވެސް ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް ޝައްކު ކުރެވޭނަމަ ހެއްކާއެކު ހުށައެޅުމަށް ވަަރަށް ބޮޑަށް އެދެވިގެންވާ ކަމަށް އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާނާތަށް ތުހުމަތު ކުރެވޭ ލިސްޓު އެންމެ ފުރަތަމަ އެކުލަވައިލީ 155 މީހެއްގެ ނަމާއި އެކުއެވެ. ފަހުން އޭސީސީއާއެކު ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ގުޅިގެން ތަހުގީގު ފަށައި، ލިސްޓު އަލުން އެކުލަވާލުމަށް ފަހު ބޭއްވި ޖޮއިންޓް ކޮންފަރެންސްގައި އެ އަދަދު ވަނީ 267 އަށް އިތުރުވެފައެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން އެދިގެން މި މަހުގެ ހަވަނަ ދުވަހު ލިސްޓު ފޮނުވިއިރު ތުހުމަތުކުރެވޭ މީހުންގެ އަދަދު 281 އަށް އިތުރުވިއެވެ.

ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ރިޔާސީ ކޮމިޝަންގެ މެންބަރަކު "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންނަކީ އަދި ހިޔާނާތުގެ ބައިވެރިން ކަމަށް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. އެހެނަސް ތުހުމަތުކުރެވޭ މީހުންނާ ސުވާލުކޮށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކޮމިޝަނުން މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ބައެއް ފަރާތްތައް ކަރަންޓީނުގައި ތިބުމާއި ގެތައް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ކޮމިޝަންގެ މަސައްކަތަށް އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހުމެއް ވެސް އައިސްފައެވެ.

އޭނާ ވިދާޅުވީ، ލިސްޓުގައި ނަން ނެތް މީހަކު ވެސް ހިޔާނާތުގައި ބައިވެރިވި ކަން އެނގޭނަމަ އެކަށީގެންވާ ހެއްކާއެކު ހުށަހެޅުމުން ކޮމިޝަނުން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށެވެ.

"ހުށައަޅަން ވަނީ ހެއްކާއެކު. އެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް. އަޅުގަނޑުމެން އެ ކަން އުފަލުން ބަލައިގަންނާނަން،" ކޮމިޝަންގެ އެ މެންބަރު ވިދާޅުވިއެވެ.

ހިޔާނާތުގެ ތަހުގީގު ސިޔާސީ ވުމުގެ ފުރުސަތު އޮތްތޯ ސުވާލު ކުރުމުން އެ މެމްބަރު ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މެމްބަރު ވިދާޅުވީ، އެއީ ޖޮއިންޓް އިންވެސްޓިގޭޝަން އަކަށް ވާތީވެ މައްސަލަތަކުގައި ގޮތް ނިންމާނީ އޭސީސީއާ ފުލުހުންނާއި ގުޅިގެން ކަމަށްވާއިރު ހަމައެކަނި ވަކި ބަޔަކު ބޭނުންވާ ގޮތެއް ނިންމުމުގެ ޖާގާއެއް ނުދެއްވާނެ ކަމަށެވެ.

ހިޔާނާތުގެ ލިސްޓުގައި ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ އިސްބޭފުޅުން، ސިފައިން އަދި ފުލުހުންގެ އިތުރުން ބައެއް ކުންފުނިތަކުގެ ނަންވެސް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އެނގިގެން ނަމަވެސް ނޭގި ނަމަވެސް ހަރަދު ކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މި ލިސްޓުގައި މަންފާ ލިބުނު އަދަދެއް ނެތެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ 2012 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އުފައްދި ކޮމިޝަނަކެވެ. މި ކޮމިޝަނަކީ ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގޮތް ކުޑޭ

  ލިސްޓުގައި ތިބި މީހުންނަ ލާރި! ލިސްޓުގައި ތިބި މީހުންނަ ފުލެޓު! ލިސްޓުގައި ނެތް މީހުންނަ އެކައްޗެއް ވެސް ނެތް

  14
 2. ޅިންކް

  ޅިސްޓްގައި ނެތަސް ހެކި ހުރެެއްޖެނަމަ ހުށަހަޅަންޖެހޭނެ

 3. ހުސޭނުބޭ

  ލިސްޓަކީވެސް ކަލޭމެން އަމިއްލައަށް ހެދި އެއްޗެއް
  ހެކިވެސް އަމިއްލައަށް އުފައްދާ
  އެންމެ ގަދަޔަށް ކޭ މީހުންގެ ނަންނަތައް މިހާރު ވަނީ އުނިކޮށްފައި

  28
 4. އޯގާތެރިވޭ

  ޖީއެމްއާރއޭ ކިޔާ ބަޔަކައް އެއަރޕޯޓް ދިނީ އެއީ ކިހާވަރެއްގެ ހީޔާނާތެއްތޯ ތިޔަ އެމްއެމްޕީއާރސީ އަކައްވުރެ މަދެއްވާނެ ހެންނެއް ހިޔެއްނުވޭ ކިތައް މިލިޔަންޑޮލަރތޯ ޖީއެމްާރ އިންބޭރުކޮއްލީ އެއަރޕޯޓް ހަވާލްވީދުވަހުންފެށިގެން މިކަން ކުރުވިބަޔެއްގެ ސަރިޔައްވެސް ބަލަންޖެހޭނެނޫންތޯ މިނުވޭތޯ ރައްޔިތުންގެ އެސެޓަކައް ވަކިމީހަކު ކުރީމަ އޯކޭ މީކޮނަކަހަލަ ހަމަޔެއްތޯ

  5
  1
 5. މުލޭ

  ލިސްޓުގައި ތިބި އެންމެންނަކީ ހެކި ހުރެގެން ލިސްޓަށް އެރި މީހުންތަ؟

 6. ސާމިރު

  އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްއެމްޕީއާރުސީގެ ފައިސާއިން 37 މިލިޔަންރުފިޔާ ދިންކަން ދަންނާނޭ ހެކިން އެބަތިބި! ފައިސާ ޙަވާލުކުރިތަނާ ފައިސާ ޙަވާލުކުރަން ދިޔަމީހުން ދުނިޔޭގަ ސަލާމަތުން އެބަތިބި! އެވާހަގަ ގޮވިމީހުން ސަލާމަތުން އެބަތިބި! މިއަދު އެފަރާތްތަކުން ހެކިބަސް ނުދީ ފޮރުވައިފިނަމަ އެއީ ކުރެވުނު މޮޅުކަމެއް ނޫނެވެ. އޭގެ ފުރިހަމަ ޢުޤޫބާތް އެފަރާތްތަކަށް ޤިޔާމަތް ދުވަހުން ލިބިގެންދާނެއެވެ. މިދުނިޔެއިން ގެއްލިގެންދާ އެއްޗަކަށްވުރެ ޤިޔާމަތްދުވަހުން ލިބިދާނެ ޢުޤޫބާތާމެދު ވިސްނާނޭކަމަށް ހީކުރަމެވެ. ނަޝީދަކީ އެމްއެމްޕީއާރުސީ ފައިސާއިން އެންމެ ބޮޑު ފައިދާ ނެގި މީހާކަމަށް ފުރަހަނި ސަޢީދު ގޮވާނެގިއަޑު ދިވެހިން އަޑުއަހާނެއެވެ. އެކަމަކު ި ފަރާތްތަކުގެ ނަންތައް އޮތީ ލިސްޓުން ޑިލީޓް ކޮށްފައެވެ.