ގއ. ގެމަނަފުށިން ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.

ގެމަނަފުށިން މިފަހަކުން ކޮވިޑަށް ފައްސިވެފައި ވަނީ ފުވައްމުލަކުން އެރަށަށް ދިޔަ މީހެކެވެ. އެ މީހާ ކޮވިޑަށް ފައްސިވީ މީގެ ދެ ދުވަސް ކުރިންނެވެ. މިއާއެކު އެރަށަަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އޭގެ ފަހުން އެރަށުން ކޮވިޑްގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ.

އެގޮތުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން މީސް މީޑިއާގައި އައްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން މިއަދު ވަނީ ހަ މީހަކު ކޮވިޑަށް ފައްސިވެފައެވެ.

ޝިޔާން ވިދާޅުވީ، އެ ހަ މީހުންނަކީ މިއަދު ނެގުނު އަލާމާތްތައް ހުރި 12 ސުންކެއްގެ ތެރެއިން ފައްސިވި ހަމީހެއް ކަމަށެވެ. އަދި މި ފަރާތްތަކީ ކުރިން ފައްސިވި މިހުންނާއި ގާތުން އެއްތާވި މީހުން ކަމަށް ޝިޔާން ވިދާޅުވިއެވެ.

މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ.

މީގެ ތެރޭގައި ހޯމް ކަރަންޓީންގައި ތިއްބާ ފައްސިވި ތިން މީހަކު ހިމެނެއެވެ.

މިހާރު ރާއްޖޭގެ 30 އަށްވުރެ ގިނަ ރަށުގައި ކޮވިޑް ޖެހިފައި ތިބި މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު