ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫ އާއި ފ. ފީއަލީގައި ހަތް ގަޑިއިރަށް ކާފިއު ހިންގާ، ރެސްޓޯރެންޓްތައް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ދިއްދޫއާއި ފީއަލީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ މި ދެރަށުގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީއެވެ.

އެގޮތުން މިރޭ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް މި ދެރަށުގައި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.

ދިއްދޫގައި 7 ގަޑިއިރަށް ކާފިއު ހިންގުމަށް އެޗްޕީއޭއިން އަންގާފައިވާއިރު، މީގެ ކުރިން ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި 10 ގަޑިއިރާ 30 މިނެޓަށް ކާފިއު ހިންގާފައެވެ.

ކާފިއު ހިންގާ ވަގުތު މި ވަގުތުތަކުގައި އެއްގަމު އުޅަންދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގާފައިވާއިރު، ދެރަށުގައި ވެސް އެއް ގެއިން އަނެއް ގެއަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރަން އަންގާފައި ވެއެވެ.

އަދި ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލަން އަންގާފައިވާއިރު، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގާފައި ވެއެވެ.

އަދި ފިހާރަތަކުން ޚިދުމަތް ދޭއިރު، ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

މީގެ އިތުރުން، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަން އަންގާފައިވާއިރު، މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ދެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ މިއެންގުމަށް އިސްތިސްނާ ވާނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުމ، އެމްބިއުލާންސް، ދެރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި ކުއްލި ހާލަތުގައި ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްތާރު

    ސަޅި، ތިޔަ ފިލީ ކޮވިޑް މުޅި ރަށުން.. 7 ގަޑީރު ތެރޭ..
    މައިމޫނާލޮޖިކް

  2. ޓިންޓިން

    ކޮބާއަސްލު މިހާރު ހަގީގަތް ފެނި އަގިއްޖެބާ އަދިވެސް ޖަގީގަތް ނުބަލާ ވާހަކަ ނުފަތުރާ
    ޓިންޓިންނައް ވަރައްސަލާން