ރާއްޖެއިން އިތުރު 1،007 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އަށް މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 793 މީހުންނެވެ. މާލެ، ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 183 މީހުންނެވެ. ރިސޯޓުތަކުން 26 އަދި ސަފަރީ ފަދަ އުޅަނދުތަކުން ފަސް މީހަކު ކޮވިޑަށް ފައްސިވިއެވެ.

ރާއްޖެ އިން މިހާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ އެކިކަންކޮޅުތަކުން ނެގި 3،159 ސުންކުގެ ތެރެއިންނެވެ. މި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރި މީހުންގެ ތިން ބައިކުޅަ އެއް ބައި މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 43،782 އަށް އަރައިފައެވެ. މި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 15،666 އަށް އަރައިފައެވެ. މިއީ އެއް ފަހަރާ މިހާ ގިނަ ބަޔަކު ބަލީގައި ފަރުވާ ހޯދާ ފުރަތަމަ ފަހަރެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން، އެޑްމިޓްކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަނީ 260 މީހުންނަށެވެ.

އެކަމަކު، އެޗްޕީއޭ އިން އިއްޔެ ހާމަކުރި މައުލޫމާތުގައިވާ ގޮތުން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ހުރީ 290 ގައެވެ.

ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 28،013 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެ އިން ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދަކީ، އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 94 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    މިކަމުން މާތްﷲ އަޅަމެން ސަލާމަތް ކުރައްވާތޯ ސަބަބު ތަކުގައި ހިފައިގެން ތިބެ ހުރިހާ އެންމެންވެސް ގިނަގިނައިން މާތްﷲ އަށް ދުޢާ ދަންނަވާ.

  2. ޢޭނަ

    ޙެދުނު ޓެސްޓްގެ ތެރެއި ޕޮޒިޓިވް ވި ވަރު ތިޔައީ! ޓެސްޓް ހަދަން ރޮއި އާދޭސް ކުރިޔަސް ޓެސްޓެއް ނެހެދޭ! ޜަތްދަކާ އަވީގައި ވެހޭ ވާރޭގައި ކިޔު ޖެހިގެން ނޫން ގޮތަކަށް ޓެސްޓް އެބަ ހެދޭ! އެއީ ޓެސްޓަކަށް އެއްހާސް ރުފިޔާ ދީގެން!މިކަން ހިގާގޮތް ބަލާބަޔަކު ނެތް! ޓެސްޓް ނުހެދި ބަލި އެދުމަތީގައި ތިބި އެތަށް ފަރާތެއް މަތިން ޚޫދު އެބަލި ތަހަޢްމަލް ކުރަމުން މިކޮމެންޓް މިލިޔަނީ ނޫހުގައި ޖަހައިދޭނެ ކަމަށް،