ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން 6.78 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ފިތުރު ޒަކާތަތަކީ އީދު ދުވަހުގެ ކުރިން ފަގީރުންނަށްް ދީ ނިންްމަން ޖެހޭ ޒަކާތެއް ކަމަށެވެ. އެކި ރަށްރަށުން ފަގީރުންނަށް ދޭ ފައިސާގެ އަދަދު ތަފާތުވާނެ ކަމަށާއި ހުރިހާ ކައުންސިލަކުންވެސް އަންނަނީ މި ފައިސާ ދިން ގޮތުގެ ތަފްސީލް މިނިސްޓްރީއަށް ފޮނުވަމުން ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައި ވަނީ 6.78 މިލިއަން ރުފިޔާ ލިބިފައިވާކަަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މާލެ ސިޓީން ފިތުރު ޒަކާތް ދައްކާފައި ވަނީ، 164392 މީހުންނެވެ.

މާލެ ސިޓީގައި ފިރުޒަކާތް ބަހާފައި ވަނީ 1498 މީހުންގެ މެދުގައެވެ. މި ފައިސާ އާއި ހަވާލުވެެފައި ވަނީ 1494 މީހުންނެވެ. މީގެ ތެރެއިން 1472 މީހުންނަށް އެކައުންޓަށް ފައިސާ ޖަމާކޮށްދީފައި ވާނެ ކަމަށާއި، އެކައުންޓު ތަފްސީލް ނުލިބޭ 22 މީހުންނަށް ވާނީ އެހެން ގޮތްގޮތުން ފައިސާ ހަވާލުކޮށްދީފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ހަތަރު އަހަރާ އަޅާ ބަލާއިރު މިއަހަރު ފަގީރުންްގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މަދު މީހަކަށް ފިޔަވާ އެންމެންނަށް ވަނީ ފައިސާ ހަވާލުކޮށްދެވިފައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.