ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 300 އަށް އަރައިފިއެވެ.

ހިންމަފުށީގައި މިދިޔަ މަހު ކޮވިޑް-19 ފެތުރެން ފެށީ އައްސޭރި ޖަލުގައި މަސައްކަތް ކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު އެމީހާ ކޮވިޑަށް ފައްސިވި ކަން އެނގުމާ އެކު، އެރޭ މޮނިޓަރިން ހާލަތަށް ރަށް ގެނައެވެ. އަދި މިއަދާ ހަމައަށް އައިއިރު ވެސް އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް ރަށުން ނެގި 718 ސުންކުގެ ތެރެއިން 302 ސުންކެއް ވަނީ ފައްސިވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބައްޔަށް 36 މީހަކު ވަނީ ފައްސިވެފައެވެ.

އެ ރަށުން ނެގި ސުންކުތަކުގެ ތެރެއިން 356 ސުންކެއްގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އަދި ނަތީޖާ ނުލިބޭ 22 ސުންކެއް ހިމެނޭ އިރު، ނަތީޖާ ކަށަވަރު ނުވާ ކަމަށް ބުނާ 38 ސުންކެއް ވެސް ހިމެނެއެވެ.

މިވަގުތު އެކްޓިވް ވޭދަނަތަކުގެ އަދަދު 198 އަށް އަރާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 107 އަށް އަރައިފައެވެ. ހިންމަފުށިން ބަލި ޖެހުނު އެކަކު ވަނީ ނިޔާވެފައެވެ. މާލެ އަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވެފައި ވަނީ ބިދޭސީއެކެވެ.

ހިންމަފުށީގައި ބަލި ފެތުރިފައިވާތީ މިއަދުގެ ވަގުތެއްގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުމަށް ވަނީ ނިންމައިފައެވެ.

ހިންމަފުށީގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް އައިއިރު ގިނަ ގެތަކެއް ވަނީ ކަރަންޓީންކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ މާލޭގެ އިތުރުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައެވެ. މިއީ ކޮވިޑްގެ އެކްޓިވް ވޭދަނަތައް އެންމެ ގިނަވެފައިވާ ރަށްތަކެވެ.