އދ. މަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަންދޫއިން ފައްސިވެފައިވަނީ މާލެއިން އެރަށަށް ގޮސް ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާ ފައްސިވެފައިވާކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުގެ ކުރިން، ބަލީގެ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓުންނެވެ.

މަންދޫ ފޯކަލް ޕޮއިންޓުން "ވަގުތު" އަށް ވިދާޅުވީ، ފައްސިވި މީހާއާއި އެކީ އޭނާގެ އަނބިމީހާއާއި ތުއްތު ދަރިފުޅު ވެސް ކަރަންޓީނުގައި ތިބި ކަމަށެވެ. އެހެން ކަމުން އަނބިމީހާގެ ޓެސްޓު ރޭގެ ވަގުތެއްގައި ނަގާފައިވާ ކަމަށް ފޯކަލް ޕޮއިންޓުން މައުލޫމާތު ދެއެވެ.

މަންދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޭނާ ފައްސިވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ބަލީގެ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓުން ކަމަށެވެ. ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މަންދޫއިން ކޮވިޑް-19ގެ ވޭދަނައެއް ފެނުމާއި ގުޅިގެން ކައުންސިލުން ވަނީ ރަށުގެ ހުރިހާ ރައްޔިތުން އިތުރަށް ސަމާލުވެ ރައްކާތެރިވި ކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންސްތައް ފުރިހަމައަށް އަމަލުކޮށް، ރަށު ތެރޭގައި ބަލި އިތުރަށް ފެތުރިގެން ދިއުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

"މިފަދަ ހާލަތްތަކުގައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އިޙްތިރާމުކޮށް ބޯލަނބާ، އެކަންކަމަށް އަމަލު ކުރުމަކީ އެންމެ ރައްކާތެރި ގޮތްކަމުގައިވާތީ، ހުރިހާ ފަރާތްތަކުން ވެސް ރަށު ތެރޭގައި އުޅޭ އެންމެހާ ވަގުތުތަކުގައި މާސްކު އެޅުއްވުމަށާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އިލްތިމާސްއެއް" ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މިފަދަ ހާލަތެއްގައި އަޅަން ޖެހޭ ފިޔަވަޅުތައް ސިއްހީ މަރުކަޒާއި ކައުންސިލް ގުޅިގެން އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ. މިގޮތަށް ފޮނުވާ ބައެއް ސުންކުތަކުގެ ނަތީޖާ ނުލިބި ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 1،007 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 793 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 183 މީހެއްގެ އިތުރުން ރިސޯޓުތަކުން ފައްސިވި 26 މީހެކެވެ. މިއާއިއެކީ ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 43،782 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 8،013 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 15،666 މީހަކަށެވެ. އޭގެ ތެރެއިން 260 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މިބަލި ޖެހިގެން 96 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.