މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކްގައި ބާއްވަން ނިންމި ނިންމުން ބަދަލުކޮށް އޮންލައިންކޮށް އެ ރަސްމިއްޔާތު ކުރިއަށް ގެންދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން، އެ ރަސްމިއްޔާތު ބާއްވަން ނިންމާފައި އޮތީ މާދަމާ ހެނދުނު 9:00 ޖަހާއިރު ސަލްޓަން ޕާކްގައެވެ.

ނަމަވެސް މާލޭގެ އިންތިޚާބީ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހުވާ ކުރުން މާދަމާ ހެނދުނު 9:00 ޖަހާއިރު އޮންނާނީ އޮންލައިންކޮށް ކަމަށެވެ.

މުއިއްޒު "ވަގުތު" އަށް ވިދާޅުވީ، ކުރިން ސަލްޓަން ޕާކްގައި ބާއްވަން ނިންމާފައިވީ ނަމަވެސް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ސަބަބަކީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން އަންނާތީއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް އަދި މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އެ ރަސްމިއްޔާތު ލައިވް ކުރާނެ ކަމަށް އެނގިފައިވެއެވެ.

އިންތިޚާބީ ކައުންސިލްތަކެއް ރަށްރަށުގައި ގާއިމް ކުރާ ގޮތަށް ލާމަރުކަޒީ ނިޒާމެއް ރާއްޖެއަށް ތައާރަފްވި ފަހުން، ފުރަތަމަ ތިން ކައުންސިލް އިންތިޚާބުގައި ވެސް މާލެ ސިޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެކަމަކު މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ފުރަތަމަ ފަހަރަށް މާލޭގެ މެޖޯރިޓީ ވަނީ ލިބިފައެވެ. މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމަށް 12 ގޮނޑިއެއް ލިބުނެވެ. އެމްޑީޕީއަށް ހަ ގޮނޑި، އަދި ޖޭޕީއަށް ވެސް ގޮނޑިއެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ކޮބާ ކޯއްޗަކަށް މި ވީ މި މީހުނަށް ލާހިކު ކުޅަދާނަ ވެގެން ނުވާނެ ކުލަގަދަ ކޮށް މިރަސްމީއްޔާތު ބާއްވާލާކަށް . ކެކެކެކެކ

    2
    1
  2. ތުނބުޅި

    ކޮބާހޭ ވޯޓުލީ ދުވަހު މަސައްކަތް ކުރި ކުދިންގެ އެލަވަންސް. މަސް ވެގެން ދެމަސް ވަނީ މިހާރު