ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އެ އޮތޯރިޓީގެ ބޯޑު މެންބަރު ކަމަށް މިއަދުން ފެށިގެން ކުރިމަތި ލެވޭނެ ކަމަށެވެ.

އެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް ނޫނީ ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަަށް ނޫނީ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކަމަށެވެ.

އެ އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ބޯޑަށް ކުރިރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.