ރާއްޖޭގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކު ސިޓީގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކަން ހަ ޕަމްޕެއް އެ ސިޓީއަށް މިއަދު ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މީޑިއާ ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފަސް ޕަމްޕަކީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފޯރުކޮށްދޭ ޕަމްޕްތައް ކަމަށެވެ. އަދި ފެން ކުންފުނިންވެސް އެއް ޕަމްޕު ފޯރުކޮށްދީފައިވާ ކަަމަށެވެ.

ފުވައްމުލަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރަން ޖެހިފައިވާތީ އެމައްސަލަ ހައްލުކޮށް ދިނުމަށް ފެނަަކައަށް އަންގާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނީ ރަނގަޅު ފެން ހިންދޭނެ ގޮތަކަށް މަގުތައް ހެދިގެންނެވެ. އެމްޓީސީސީން މިހާރުވެސް އެ މަސައްކަތް ކުރަމުންދާއިރު މި އަހަރުގެ ނޮވެމްބަރު މަހުގައި ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ގެތަކަށް ފެން ވަދެ ވަނީ ގެއްލުންވެފައެވެ. އެމްއެންޑީއެފާއި އެހެނިހެން އިދާރާތައް ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެކަމަކު އަދިވެސް ފެންގަނޑު އެއްކޮށް ނުވެއް ހިނދެއެވެ. ރަށުގެ 50 އިންސައްތަ ގެތަކަށްވަނީ މީގެ ސަބަބުން ގެއްލުންވެފައެވެ.