ހއ. އަތޮޅު ފިއްލަދޫ ކައުންސިލްގެ އިންތިހާބީ ރައީސް ފަތުހުﷲ ހަސަން ހުވާ ކުރުން ފަސް ކުރަން ހައި ކޯޓުން އަމުރު ކޮށްފިއެވެ.

ހައި ކޯޓުން މި ވަގުތީ އަމުރު ނެރެފައި މިވަނީ، ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން އެ ކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެނެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ އިންތިޚާބުގައި ކުރި ލިބެނީ ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު އިރުޝާދަށް ވުރެ އެންމެ ވޯޓެއް ކުރި ލިބިގެނެވެ. ފަތުޙުﷲ އަށް 335 ވޯޓް ލިބިފައިވާއިރު، އިރުޝާދަށް 334 ވޯޓް ލިބިފައިވެއެވެ.

މި ވޯޓްތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ވޯޓް އަލުން ނުގުނަން ނިންމައިފައެވެ.

ފިއްލަދޫ ކައުންސިލްގެ ދެ ގޮނޑިއެއް އެމްޑީޕީއަށް ލިބިފައިވެއެވެ. އަދި އިދިކޮޅު ޕީޕީއެމަށް ވެސް އެ ކައުންސިލްގެ ދެ ގޮނޑި ލިބިފައިވެއެވެ.

އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ރައުފާ އަދި ޕީޕީއެމްގެ ކެންޑިޑޭޓް ފަތުޙިއްޔާ މުޙައްމަދެވެ. އާންމު މެންބަރުންގެ ދެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރަޒީފް އަދި ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު މޫސާއެވެ.

ފަތުހުﷲ އަކީ މީގެ ކުރިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރަށްރަށުގައި ކައުންސިލަރުން އައްޔަން ކުރިއިރު، ފިއްލަދޫއަށް އައްޔަން ކުރި ކައުންސިލަރެކެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން މަގާމު ހުވާ ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައި ވަނީ މާދަމާއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން މާދަމާ ހުވާ ކުރާއިރު، ކައުންސިލްތައް އިންތިޚާބު ކުރެވިފައި މި ވަނީ އިންތިޚާބު ކުރަން އޮތް ތާރީޚަށް ވުރެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުން އިންތިޚާބު ފަސްކުރަން ޖެހިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަހަހަހ

    ފިއްލަދޫ ވޯޓްފޮށި އަލުން ގުނި!

  2. ސަހަރޯ މާފްކުރާސޭ

    ވައްކަމުގައި ހައްދުފަފަނައަޅާފަތޯ މިވަނީ ވޯޓެއްލިޔަސް ވައްކަން ކަދުރެއްބެއްސައް ވައްކަން ނަންހުސްކޮއް ވައްކަން ސަހަރޯ މިޔޮއްގައުމެއް

    6
    1