ލ. މާބައިދޫ ކައުންސިލް ރައީސްގެ ހުވާކުރަން ލަސްކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާބައިދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން، އެރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް، ޙުސަން ޢާދިލް ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

މި މައްސަލަ ނިމުމުގެ ކުރިން މާބައިދޫ ކައުންސިލް ރައީސްގެ ޤާނޫނީ ހުވާ ކުރާތީ އެކަން ފަސްކޮށްދިނުމަށް އެދި ވަގުތީ އަމުރެއް ނެރެދެއްވުމަށް އެ ކެންޑިޑޭޓް ވަނީ ހައިކޯޓުގައި އެދިފައެވެ.

ހައިކޯޓުން މި އަމުރު ނެރެފައި ވަނީ އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭތީއެވެ.

"ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަންގާ އަމުރުކޮށްފީމެވެ." ހަައިކޯޓުގެ އަމުރުގައިވެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ވިސާމު އިންތިޚާބުގައި ކުރި ލިބެނީ ޕީޕީއެމްގެ ކެންޑިޑޭޓް ޙަސަން ޢާދިލްއަށް ވުރެ އެންމެ ވޯޓެއް ކުރި ލިބިގެނެވެ. ވިސާމުއަށް 280 ވޯޓް ލިބިފައިވާއިރު، ޢާދިލްއަށް 279 ވޯޓް ލިބިފައިވެއެވެ.

މި ވޯޓްތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ވޯޓް އަލުން ނުގުނަން ނިންމައިފައެވެ.

މާބައިދޫގެ އެއްގޮނޑި ފިޔަވާ ހުރިހާ ގޮނޑިއެއް ލިބިފައިވަނީ ޕީޕީއެމްއަށެވެ.

އެގޮތުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމުގައިވާ އަމީނާ ޔޫސުފްއާއި ފާތިމަތު އަޒުމާއެވެ. ކައުންސިލް މެމްބަރުކަމުުގެ އެއް ގޮނޑި ނަގާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން ޒަރީރެވެ. އަނެއް ގޮނޑި ނަގާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަޖުވަދެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން މަގާމު ހުވާ ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައި ވަނީ މާދަމާއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން މާދަމާ ހުވާ ކުރާއިރު، ކައުންސިލްތައް އިންތިޚާބު ކުރެވިފައި މި ވަނީ އިންތިޚާބު ކުރަން އޮތް ތާރީޚަށް ވުރެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުން އިންތިޚާބު ފަސްކުރަން ޖެހިގެނެވެ.