މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުން ފަސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުން މިއަދު ހެނދުނު 9:30 ހާއިރު ވަނީ ހުވާކޮށްފައެވެ. ފުރަތަމަ ފަހަރަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރެވުނު މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވެސް މަގާމުގެ ހުވާ ކުރެއްވިއެވެ.

މާލެ ސިޓީގެ ހަތަރުވަނަ ކައުންސިލްގެ ފުރަތަމަ ޖަލްސާ ފަށްޓަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރަން ޖެހެނީ ސިއްރު ވޯޓަކުން ކަމަށްވާއިރު މިއަދުގެ ޖަލްސާ ކުރިއަށް ދަނީ އޮންލައިންކޮށް ކަމަށް ވާތީ އެ ކަން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

"ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އަޅުގަނޑުމެންނަށް ލަފާ ދީފައި ވަނީ، ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރަން ޖެހޭނީ، ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ޖަމާވެ ތިބެ ބޭއްވޭ ޖަލްސާއެއްގައި ކަމަަށް، އެކަމަކު ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން މިއަދުގެ ޖަލްސާ ވެސް މި ދަނީ އޮންލައިންކޮށް،" މުއިއްޒު ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުން ފަސްކޮށްފައިވާއިރު އެ މަގާމަށް ޕީޕީއެމްގެ ދެ ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެއީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ ޢަލީއާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެ މަގާމަށް ގެނައުމަށް މީސް މީޑިއާ ކެމްޕޭނެއް ވެސް ކުރިއަށް ދިޔައެވެ. ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފާހަގަކުރަމުންދާ ގޮތުގައި އެ ޕާޓީއަށް ފުރަތަމަ ފަހަރަށް މާލޭގެ މެޖޯރިޓީ ހޯދުމުގައި އެންމެ ބޮޑު އިސް ރޯލެއް އަދާކޮށް، ޕާޓީ އަލުން ކޮޅަށް ނަގައިދިނީ ޝުޖާއު ކަމުގައެވެ.

އިންތިޚާބީ ކައުންސިލެއްގެ އޮނިގަނޑު އޮންނަ ގޮތަށް ލާމަރުކަޒީ ނިޒާމެއް ތައާރަފް ކުރެވުނު ފަހުން މާލެ ސިޓީގެ ފުރަތަމަ ތިން ކައުންސިލްގައި ވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީއެވެ. އެކަމަކު ހަތަރުވަނަ ކައުންސިލްގައި އޮތީ ޕީޕީއެމްގެ މެޖޯރިޓީއެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމަށް މާލެ ސިޓީ ކައުންސިލްގެ 12 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ހަ ގޮނޑިއަށް އަދި ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    މޭޔަރު މުއީޒުގެ ފުރަތަމަ ބަސްކޮޅުގެ ނަޔާ ސާފުސީދާ ތާޒާކަމުން ސަޕޯޓރުން އަނެއްކާވެސް ހެއްވާލައި އިތުރު އުންމީދެއް އާކޮށްދެއްވައިފި

  2. ޑައެލޯގް

    ރާއްޖޭގެ ރައީސްގެ ތަގުރީރަށްވުރެ މާލޭ މޭޔަރގެ ތަގުރީރު ފުރިހަމައެވެ. އެހެންތާވާނީވެސް ކިޔަވާފަހުރިމީހަކާ ނުކިޔަވާކުއްޖަކާ ތަފާތުވާނެއެވެ.

    33
    2
  3. ސިދުގީ

    މާލޭ މަގުތަކުގައި ވޭޕް ކުރުމުން ބޭރުވާ ދުމުން އެދުވާ ވަހުން ކޮފީ ޝޮޕް ތަކު ކައިރި ދިރިއުޅެން ވަނީ އުދަގޫވެފައި