ކުރިއަށް އޮތް މަހުގެ ތެރޭގައި މާލޭގައި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާތަނަށް އައިރު މާލޭ ބިންތައް ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއް ރަސްމީ ސިފައެއްގައި ހެދިފައި ނުވާ ކަމަށެވެ. އަދި ރަައްޔިތުންނާއި ހިޔާލާއި މަޝްވަރާއާއެކު މިފަދަ އެއްވެސް ޕްލޭންއެއް ހެދުމުގެ މަސައްކަތް ވެސްް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ފާހަގަކުރެއްވުމަށްފަހު މުއިއްޒު ވިދާޅުވީ މި ދައުރުގެ ފުރަތަމަ މަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން މާލެ ސިޓީގެ ބިންތައް ބޭނުން ކުރާނެ ގޮތުގެ ޕްލޭންއެއް ފާސްކުރެވިގެން ދާނެ ކަމަށެވެ.

މާލޭގެ އިތުރުން ވިލިމާލޭގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއްވެސް އެ ރަށު ރައްޔިތުންނާ ގުޅިގެން ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް މިހާތަނަށް އައި އިރު ނެތް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދިގެން ހެދިފައެއް. ނުރަސްމީ ސިފައިގައި ހުރި ޕްލޭންތައް ހުރީ. ނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކައުންސިިލްގެ މަސައްކަތް ފެށޭތާ އެއް މަސް ދުވަސްތެރޭ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކީގައި އިރާދަކުރެއްވިއްޔާ ފާސްކުރަން ޕްލޭން ކޮށްފައި މިވަނީ. މާލެއެކޭ އެއްފަދައިން ވިލިމާލެ ލޭންޑް ޔޫސް ޕްލޭންވެސް ހެދިގެން ދާނެ" މުއިއްޒު ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރި މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. މުއިއްޒުގެ އިތުރުން މާލެ ސިޓީ ކައުންސިލަށް ހޮވިވަޑައިގަނެފައިވާ ބޭފުޅުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންވެސް ހުވާކުރަައްވާފައިވެއެވެ.