އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން ހުއްޓާލަން ދެން ރާއްޖެއަށް އިސްރާއީލްގެ ފަތުރުވެރިންނާއި މުދާ އެތެރެކުރުން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ހުޅުވާލަން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.

މެންބަރު ޝިޔާމް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އިސްރާއީލްގެ އަމަލުތައް ހަމައެކަނި ކުށްވެރިކޮށްގެން ތިބެވެން ނެތް ކަމަށެވެ. ދިވެހި ދައުލަތުން ދައުލަތެއްގެ ގޮތުގައި ކުރެވެން ޖެހޭ ކަންކަން މިހާރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އިސްރާއީލްގެ ފަތުރުވެރިން ރާއްޖެ ގެނައުން އަދި އިސްރާއީލްގެ މުދާ އެތެރެކުރުން ހުއްޓުވަން އެ ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.

ޝިޔާމްގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީގެ މެންބަރު، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެއީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ދައުލަތުން ކުރެވެން ހުރި ކަންކަން ކުރުމަށް ގޮވާލާ މައްސަލައެކެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ، އޮންނަ ގޮތަކީ ގުރެއް ނެގުމަށް ފަހު، ގުރުއަތުން ހޮވޭ ކުއްލި މައްސަލައެއް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ގުރުއަތުން ހޮވިފައިވަނީ ޝިޔާމްގެ ކުއްލި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތީ 1967 ގައެވެ. އޭރު ހިނގި އަރަބި-އިސްރާއީލް ހަނގުރާމައިގެ ތެރެއިންނެވެ. އޭގެ ފަހުން ފަލަސްތީނުގެ ބިމަށް ވެރިވެގަންނަން އިސްރާއީލުން ދަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން ފަލަސްތީނުގެ ބިންތަކަށް ހަމަލާ ދިނުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެކި އަނިޔާތައް ދެމުންދެއެވެ.

މި މައްސަލައަށް ބައިނަލް އަގްވާމީ ފަރާތްތަކަށް މިހާތަނަށް ވެސް ހައްލެއް ގެނެސްދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ނެތެވެ. އެހެންވިޔަސް ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސސ

  އެއްވެސް ގޮތަކުން އިސްރާއީލުގެ އުފެއްދު ރާއްޖެ އެތެރެކޮށް ވިއްކައިގެން ނުވާނެ، އަދި އިސްރާއީލްގެ ޕާސްޕޯޓް ގައި ރާއްޖެއަށް ދަތުރު ކުރެވިގެން ވެސް ނުވާނެ !

  21
 2. ބަރުގޮނު

  މުޅި ދުނިޔޭގެ މޫނަކަށް ކަދުރާއަކަށް ނުބަލާ އދ. ގައި އަބަދުވެސް އިސްރާއީލު ޙިމާޔަތްކޮށްދޭ އެމެރިކާގެ މުދާވެސް ރާއްޖެ އެތެރެކުރުން ހުއްޓުމަށާ އެޤަވްމު ގެ ފަތުރުވެރިންނަށް ވެސް ރާއްޖެ ނާދެވޭގޮތަށް ވުން ވެސް ވަރަށް މުހިންމު. ހުރިހާ ޢަރަބި ޤަވްމުތަކުންވެސް އެމެރިކާ ގެ މުދާ އެތެރެ ނުކުރާން ނިންމާ ޢަމަލު ކޮށްފި ނަމަ ރަގަޅު.

  22
 3. ހުސޭނުބެ

  މަޖިލީހުގަވެސް މިތިބެނީ މުއްލާއިން ދޯ