އައު ދައުރަކަށް މާލޭ ސިޓީ އަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލްގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވާނީ ސަރުކާރާ ވާހަކަ ދައްކައިގެން ގުޅިފަޅަކީ ގެދޮރުވެރި ރަށަކަށް ހެދުން ކަމަށް މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މޭޔަރުކަމުގެ ހުވަކުރެއްވުމަށް ފަހު ބޭއްވި ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ ކައުންސިލަށް މަތިކޮށްފައިވާ އެންމެ ބޮޑު އެއް ޒިންމާ ކަމަށެވެ.
ގެދޮރުގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދުމަށް ވުރެ ދާއިމީ ހައްލެއް ބޭނުންވާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައިވެސް ބިމެއް ނެތުމުން ރައްޔިތުންނަށް ގޯތި ދެވޭނެ ހަމައެކަނި އޮތް މަންޒިލަކީ ގުޅިފަޅު ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ސިޓީ ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް ހުއްޓާނުލާ ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނަށް ދެއްވައިފައެވެ.
"ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ސަރުކާރާ ވާހަކަ ދައްކައިގެން ގުޅީފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދޭ ތަނަކަށް ހެދުން. އެކަމަށްޓަކައި ވެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓާނުލާ ކުރިޔަށް ގެންދިޔުން" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިންވެރި ރައްޔިތެއްގެ އަމާޒު ހާސިލްކުރުމަށްޓަކައި މާލޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުރަތަމަ ކަމަކީ މާލޭގެ ބިން ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެކެވެ. މިހާތަނަށް ރައްޔިތުންގެ މަޝްވަރާއާއެކު އެއްވެސް ޕްލޭނެއް ހެދިފައި ނެތްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ އަމާޒަކީ އެއް މަސް ދުވަހުގެ ތެރޭގައި މާލެ އާއި ވިލާމާލޭގައި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކީގައި ހޯދައި، ފާސްކުރުން ކަަމަށެވެ.
މި ސަރުކާރުގެ ގެންގުޅޭ ވިސްނުމަކީ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމެވެ. ބަނދަރު އަޅަން ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫއު އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެއެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ. ބޮސްކާލިސްއާ ހަވާލުކުރި ފުރަތަމަ ފިޔަވަހި ނިމުމުން ދެން ހިއްކާނީ ކިހާ ސަރަހައްދެއް ކަމެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ.
ނަމަވެސް މިކަމުގައި ފެށުނީއްސުރެ މުއިއްޒުގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވަމުން ގެންދަވާ ގޮތުގައި ވިޔަފާރި ބަނދަރު އަޅަން އެންމެ ރަނގަޅީ ތިލަފުއްޓެވެ.
ގުޅިފަޅު އެންމެރަންގަޅީ ގެދޮރުވެރިކަން ކުރިޔަށް ގެންދިއުމަށް ސަބަބަކީ މިހާރުވެސް ތިލަފުށި އޮތްހާލަތުގަ މާހަރަދުކުޑަކޮށް ވިޔަފާރި ބަނދަރަކަށް ތަރަށްޤީކުރެވޭނެތީ
ހިޔާ ފުލެޓް ތަކަށް މީހުނަށް އަވަހަށް ވަދެވޭނެ ގޮތެއްވެސް އެބަޖެހޭ ހަދަން މޭޔަރު !
ތިލަފުށީ ދުންގަނޑަށް ކޮންމެވެސް ގޮތެއް ހައްދަވާދެއްވާނެ ކަމަށް އުއްމީދު ކުރަން