ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަޔާނެއް ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ އިސްރާއީލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށާއި އިސްރާއީލްގެ މުދާ ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ގޮވާލައްވައިފައެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަން ހުޅުވާލަން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ހުޅުވާލަން ނުފެންނަ ކަމަށް ވޯޓް ދެއްވި މެންބަރަކު ނެތެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ގަޑިއިރެއްގެ ވަގުތަކަށް ކުއްލި މައްސަލައަށް މެންބަރުން ބަހުސް ކުރެއްވިއެވެ. ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އިސްރާއީލާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅެން އޮތް މިންވަރަކަށް އަޅަން ގޮވާލައްވައިފައެވެ. އެކަމަކު ކުއްލި މައްސަލައިގައިވާ ގޮތަށް ސީދާ އަމަލު ކުރުމާ ގުޅޭ ގޮތުން ގިނަ މެންބަރުން ވާހަކައެއް ނުދައްކަވައެވެ.

ނަމަވެސް ދިވެހި ސަރުކާރުން ކުރެވެން އޮތް މިންވަރަކަށް މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް މި އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރުމަށާއި އަމަލުތައް ތަކުރާރު ކުރާނަމަ މަޖިލީހުގެ ތެރެއިން ކުރެވިދާނެ ބައެއް ކަންކަން ހިމަނައިގެން ބަޔާން އާންމު ކުރަން ބައެއް މެންބަރުން ގޮވާލެއްވިއެވެ.

މި މޭރުމުން ފުރަތަމަ ވާހަކަ ދެއްކެވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގްއެވެ. އޭގެ ފަހުން ގިނަ މެންބަރުންތަކެއް ވަނީ އެ ކަން ފާހަގަކުރައްވައި މަޖިލީހުން ބަޔާނެއް ނެރެން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އަދި ޕީޕީއެމްއާއި ޕީއެންސީގެ ބައެއް މެންބަރުން ވަނީ ކުރިން ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ހުށަހެޅި މި މައްސަލައާ ގުޅޭ ގަރާރު ލަސްވެފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތީ 1967 ގައެވެ. އޭރު ހިނގި އަރަބި-އިސްރާއީލް ހަނގުރާމައިގެ ތެރެއިންނެވެ. އޭގެ ފަހުން ފަލަސްތީނުގެ ބިމަށް ވެރިވެގަންނަން އިސްރާއީލުން ދަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން ފަލަސްތީނުގެ ބިންތަކަށް ހަމަލާ ދިނުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެކި އަނިޔާތައް ދެމުންދެއެވެ.

މި މައްސަލައަށް ބައިނަލް އަގްވާމީ ފަރާތްތަކަށް މިހާތަނަށް ވެސް ހައްލެއް ގެނެސްދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ނެތެވެ. އެހެންވިޔަސް ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    މިރާއްޖޭގަ ވެސް ބޮޑެތި ޖަރީމާ ، ކުށް ، ހިޔާނާތް މިކަން ކަން މީޑިއާ ތަކުން ތިލަވާއިރަށް މި ޤައުމުގަ އޮތީ އާ އޮތް ޖަމުއްޔާ ޖަމާޢަތް ތަކުން ވ ބޮޑެތި ބަޔާން ތައް ނެރޭނެ އެކަން ކުއްވެރިކޮށް އެހިސާބުން ވާޖިބް އަދާ ކުރެވުނީ،

    2
    1
  2. ރެފްރީ

    ވަރަށްތާއީދު ..

    1
    1
  3. ފިޔޮއް

    މި ދިވެހިރާ އްޖެ އަށް އިޒްރޭލުގެ ޓޫރިސްޓުން އާދޭ!!!!!! މިކަމާ ދެކޮޅަށް ދިވެހި ރަ އްޔިތުން ނިކުންނަން ޖެހޭ!!!!! ނިކުމޭ!!!!!! 🇮🇱🔥💩🚫

    3
    1
  4. ދުންމާރި

    ތިޔަ ކަމެއްނުވާނެ މިޤައުމަށް ސަވާރުވެ މިހާރުތިބީ ލާދީނީ އިސްލާމްދީނާ މުސްލިމުންނަށް ނަފުތަރުކުރާ ލާދީނީ ބައިގަނޑެއް އިސްލާމްދީނަށް މުސްލިމުންނަށް ނަސްރުދީ ބަހެއްވެސްނުބުނާނެ މީވަރަށްސާފުކޮށްއެނގޭކަމެއް

    2
    1