ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ %31 ނިމިއްޖެއެވެ.

މި މަޝްރޫއު މަސައްކަތް ކުރަނީ އެމްޑަބްލިޔުއެސްސީއިންނެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %58 އަދި 9.5 ކިލޯ މީޓަރގެ ދިގު ފެން ހޮޅިގެ މައިނެޓްވޯރކްގެ ހޮޅިވަޅުލުމުގެ %93 މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބަހައްޓާނެ އެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

އެ ކުންފުނިން ބުނީ، މިމަޝްރޫއުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 50% އަދި ޕަންޕިން ސްޓޭޝަންތަކުގެ %44 މަސައްކަތް ނިމިފައި ވާ ކަމަށެވެ.

މަޝްރޫއުގެ ދަށުން އެރަށުގައި 650 މީޓަރގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ގާއިމް ކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިވްއެސްސީން ފޯރުކޮށްދޭނެއެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝރޫއެެކެވެ. މި މަޝްރޫއަށް ޖުމްލަ 38،245،917.74 މިލިއަން ދިވެހި ރުފިޔާ ޖަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.