މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަމަކީ ރައްޔިތުން ހަވާލުކުރި އަމާނާތެއް ކަމަށާއި، ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭން ހުއްޓުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށް މިއަދު މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމުގެ ހުވާ ކުރެއްވި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) ވިދާޅުވެއްޖެއެވެ.

އައްލޮ މިހެން ވިދާޅުވީ ކައުންސިލްގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވުމަށް ފަހުއެވެ. މެންބަރުކަމުގެ ހުވާ ކުރެއްވިވުމަށް ފަހު އައްލޮ ވިދާޅުވީ މާޒީއަށް ޝުކުރުވެރިވާ ހާލު ރައްޔިތުން ހަވާލުކުރި މުހިއްމު އަމާނާތާއިއެކު ކުރިއަށް ދިއުމުގައި ދެމިހުންނަވާނަން ކަމަށެވެ. އަދި އެންމެހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްލޮ ވަނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައެވެ.

މާލޭގެ އާ މޭޔަރު ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒާއި މާލޭ ސިޓީ ކައުންސިލްގެ އާ ކައުންސިލަރުން މަގާމުގެ ހުވާ މިއަދު ކުރެއްވި ނަމަވެސް ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުން ވަނީ ފަސްކޮށްފައެވެ.

މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ، އާ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުމަށް އެ ޖަލްސާގައި ވޯޓަށް އަހާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލަފާދެނީ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން ޖެހޭނީ ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ޖަމާވެ، ބާއްވާ ޖައްސާއެއްގަ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން، އާ ކައުންސިލްގެ ފުރަތަމަ ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންދާތީ ވޯޓަށް ނާހަން ނިންމީ އެވެ.

ކައުންސިލްތަކަށް ރައީސުންނާއި އަތޮޅު ކައުންސިލަރުން އަދި މޭޔަރުން ވެސް އިންތިހާބުކުރަނީ ރައްޔިތުންގެ ވޯޓުން ނަމަވެސް ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން އިންތިހާބުު ކުރަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެެ.

މާލޭގެ އާ ޑެޕިއުޓީ މޭޔަރުގެ އިންތިހާބު ބާއްވާނެ ދުވަހެއް އަދި ނުނިންމަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގުރި

    . އިހުލާސްތެރި
    . ވަފާތެރި
    . ހީވާގި
    . މަސައްކަތުގެ ހުނަރު
    . ތަޖުރިބާ
    . ގަޑިއަށް ހާޒިރުވުއް

    އެއީ އަޅުގަނޑުމެން މިކިޔާ
    ( އައްލޮ. ) އަކީ..

    18
    2
  2. ނަން ފިލާާ

    އަޅުގަނޑު ގާތައް ހަމަ ހިނި އަންނަނީ

    7
    3
  3. ނަދޫ

    މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރަކަށް ތިފަދަ ބޭފުޅެއް ލިބުނުކަމަށްޓަކާ ޝުކުރުވެރިވަން😀

    15
    2