ކޮވިޑް-19 އަށް ފައްސިވި ފަހުން ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހިފައިވާ މާބަނޑު އަންހެން މީހާގެ ސާޖަރީއެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ހަދައި، އޭނާގެ ދަރިފުޅު ނަގާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ދެމައިންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ބުނެފިއެވެ.

ސިޒޭރިއަން ހެދިއިރު އަންހެން މީހާގެ ބަނޑަށް ހަމަހެވެ. އޭނާ އަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް ކުއްޖާ ކޮވިޑަށް ނައްސިވެފައިވާ ކަމަށް އާއިލާ އިން ބުނެއެވެ.

"އަބަދުވެސް ނޭވާހިއްލާތީ އުޅެނީ. އެހެންވެ އެކަމަށް ބޭސް ވެސް ކުރަމުން އައީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ އަށް މީގެ ކުރިން ތިން ކުދިން ލިބިފައިވެއެވެ. އޭގެތެރެއިން ދުނިޔޭގައި ތިބީ ދެކުދިންނެވެ.

ކޮވިޑް ޖެހުނު މާބަނޑު މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދެމުންދާ ކަން އެޗްއީއޯސީ އިން ހާމަކުރީ މީގެ ހަފްތާއެއް ކުރިންނެވެ.

މިދިޔަ ހަފްތާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މާބަނޑު އަންހެން މީހާގެ ހާލު ވަނީ މީގެ ކުރިން ރާއްޖެ އިން މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ނުވާ މިންވަރަށް ހާލު ސީރިއަސްވެފައި ކަމަށެވެ.

ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ މާބަނޑު މީހުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުންގެ ހާލު މީގެ ކުރިން ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ސީރިއަސް ވަމުން ނުދާކަމަށެވެ. ނަމަވެސް މިހާރު ކޮވިޑް ޖެހޭ މާބަނޑު އަންހެނުންގެ ހާލު ސީރިއަސްވާ މިންވަރު އިތުރުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު