ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމްގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ފަރާތުން މެންބަރު ޒާހިރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

މިހާރުގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރުގެ ބައްޕާފުޅު ޒާހިރު އާދަމް އުމުރުން 74 އަހަރުގައި އަވަހާރަވީ ކޮވިޑް-19 ގެ ބަލީގައެވެ.

ޒާހިރު ވަނީ 2005 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުން ފެށިގެން 2009 ވަނަ އަހަރުގެ މެއި 27 އާއި ހަމައަށް ގދ. އަތޮޅުގެ މެންބަރުކަން ކުރައްވައިފައެވެ. އަދި 29 މެއި 2009 އިން ފެށިގެން 27 މެއި 2014 އާއި ހަމައަށް ގައްދޫ ދާއިރާގެ މެންބަރު ކަން ކުރެއްވިއެވެ.

އޭނާ ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު