ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް ކޮމެންޓް ކުރި މީހެއްގެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ފަރާތުންނެވެ.

ފޭސްބުކް މެދުވެރިކޮށް ޓީވީ ޗެނަލަކުން އިއްޔެގެ ޖަލްސާ ވަގުތުން ދައްކަމުން ދިޔަ އިރު، އެ ލައިވަށް ކޮމެންޓް ކުރި މީހަކު ވަނީ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެފައެވެ. މިކަން މަޖިލިހުގެ ރިޔާސަތުގެ ސަމާލު ކަމަށް ގެންނެވީ ގަލޮޅު ދެކުނު ދާއިރާ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލްގެ މިވާހަކައާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުވެސް ވަނީ އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާގެ ސަމާލުކަމަށް ގެނެސް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުން މެރުމާއި ގެއްލުން ދިނުމަށް އިންޒާރުދީ ހެދުމަކީ ބޮޑު ކުށެކެވެ.

މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ މީހަކު އިންޒާރު ދިން އިރު، މި މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ.

އެމަނިކުފާނު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންވިލާތުގައެވެ.

މި ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ އެމަނިކުފާނު އަވަހާރަކޮށްލުމަށްވެސް ނިރުބަވެރި ހަމަލާއެއް ދީފައިވެއެވެ. އަދި ރައްޔިތުން މަޖިލީހުގެ އުންގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީއާއި، ބްލޮގަރ ޔާމީން ރަޝީދުވެސް އަނިޔާވެރި ގޮތަކަށް މަރާލާފައިވެސް ވެއެވެ.

މިފަދަ އެތައް މަރެއްގެ އެންމެ ފުނަށް ވާސިލްވެ، އެފަރާތްތަކަށް އިންސާފް ހޯދާދިނުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުތަކާއި ބެހޭ ކޮމިޝަނެއް އުފައްދަވާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓިނު ދޮންބެ

    ބޮޑެތި ބޭފުޅުންނަށް ނަފާވާ މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވަން އެހާފޯރިއެއް ނުހުރޭ އެކަމު މިބޭފުޅުންވެސް ބަޑިބޭސްދެކެ ވ ބިރުފުޅުގަނޭހެން ހީވަނީ ތެޅޭވަރުން

  2. ައަބޫ

    ބިރުފަހަނަޅާ ދިއުމައް ގޮވިމީހުން މިއަދުވެރިކަމުގަތިބީ އަދިތިމަޖިލީހުގަހިތައް އެރިއެއްޗެއްގޮވާ މާރާމާރީހިންގާހެދީ މިއަދުމުޖުތަމައުތެރެއިން މިފެނިގެންދަނީ 2006ގަ އެމްޑީޕީ ކުރިމަސައްކަތުގެ ނަތީޖާ އަދިއެފިލާވަޅުތައް މިއަދުހިތިބޭހައްވެ ދިރުވާނުލެވިގެން ބަނޑުހިކިފަތިބީ އެމްޑީޕީ 2006 ކުންމިއަދާ ހަމަޔައް ކުރިގޮވިހުރިހާކަމެއް އެމީހުންގެ ވެރިކަމުގަ ތަހައްމަލްކުމުންދަނީ މިސާލެއް ބޭރުމީހުން ރާއްޖެނައައުމައް ދިވެހިން ވަޒީފާނުނުކުމެ އިހުތިޖާޖުކުރުން 2006 2007 ގޮޅާބޯ ގޮޅާބޯގޮވުން މިހާރުއެމްޑީޕީގެރައީސުން އެތިބީގޮޅާބޯވެފަ އެކަނި ސާބެ ހަސަން ބެލީމަފެއްނާނެ އީވާމެންގޮވިގޮޅާބޯ އައްވުރެހާލުދެރެކަން.

  3. އެމަންޖެ

    މަޖިލިސް އުވާލަން ގޮވާތީ އެމައްސަލަވެސް ޕޮލިހައްވައްދާ.

  4. ސާމް

    ތީ މަޖަލަކަށް އެމީހާ ބުނި ބަހެއް. ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވާލަން ބުނި މީހާވެސް މަޖަލަކަށް ބުނީ. ސަރުކާރުން އެޅި އެއްވެސް ފިޔަވަޅެއްނެތް.

  5. ކެނެރީގެ މާފަތް އެދުރު

    ދެން މިގައުމުގަ އޑޕގެ ނަންވެސް ކޮމެންޓެއްގައވިޔަސް އެހެން ގިތަކަށް ވިޔަސް ކިޔާލި ކޮންމެ މީހަކު ހަރުކައްޓަށް ހަދައި ޖަލައްލާން ވެއްޖެއިޔާމު ދެން މިގައުމުގައި އޑޕ މީހުން ފިޔަވައި އިތުރު ބަޔަކަށް ދިރި އުޅެވޭނެ އެއްވެސް ގޮތެއްނެތް