އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި އެއްވެސް އިރެއްގައި ޖެހިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށާއި، ދައުވާކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މަޖިލީހުން އާންމުކުރި ހިޔާނާތަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި އީސަގެ ނަންވެސް އޮތެވެ. އެކަމކަކު މަންފާގެ ގޮތުގައި ލިބުނީ ކިހާ އަދަދެއް ކަމެއް ލިސްޓަކު ނެތެވެ.

"އަދަދު ނޫހުން" ގެނެސްދިން ޕްރޮގްރާމެއްގައި ހިޔާނާތާ ގުޅޭ ގޮތުން ސުވާލުކުރުމުން އީސަ ވިދާޅުވީ، ކުރީގެ ނައިބް ރައީސް އަދި ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބު އަތުން އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައިނުވާނެ ކަމަށެވެ.

ނަމަވެސް އަމިއްލަ ހިއްސާ އޮތް ކުންފުންޏަކާ އަދީބުއާ ދެމެދު ހިނގާފައި އޮތް ވިޔަފާރީގެ މުއާމަލާތެއް، ލިޔެކިޔުންތަކާއެކު ރިޔާސީ ކޮމިޝަނަށް އަމިއްލައަށް ހުށައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދީބުގެ ރަހުމަތްތެރިއެއް މެދުވެރިކޮށް އަޅުގަނޑުގެ ހިއްސާ އޮތް އެ ކުންފުންޏާ އަދީބުއާ ހިނގާފައިވާ ވިޔަފާރިގެ މުއާމަލާތެއް. އެ ކުންފުންޏަށް އަދީބު ދައްކަން ޖެހޭ ފައިސާއަކާ އަޅުގަނޑު ހަވާލުވިން. އެކުންފުނީގެ ފައިސާ ބަލަހައްޓަމުން ދިޔަ ޑައިރެކްޓަރުންގެ ތެރެއިން ޑައިރެކްޓަރެއް އަޅުގަނޑަކީ" އީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމުގައި ކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރެއްވުމަށް ކުންފުނީގެ ހިއްސާދާރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ.

އެ މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ޔަގީންތޯ ޕްރެޒެންޓަރު ސުވާލުކުރުމުން އީސަ ވިދާޅުވީ ސައްހަ މުއާމަލާތެއްކަން ޔަގީންކޮށްދެވޭވަރުގެ ހެކި އެބަހުރި ކަމަށެވެ. މައުލޫމާތު ހިއްސާކުރަން ކޮމިޝަނުގައި އެދުމުން އީސަގެ މައްޗަށް ތަހުގީގެއް ހިންގަން ނިންމާފައިނުވާ ކަމަށް ކޮމިޝަނުން އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އަދީބާއެކު ހިންގާފައިވަނީ ސައްހަ ނޫން މުއާމަލާތެއްކަން ސާބިތުވެއްޖެނަމަ މެމްމަބުކަމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑު އަމިއްލަ ނަފްސަށްވެސް ނިންމައިގެން މިހުންނަނީ އަޅުގަނޑުގެ މައްޗަށް ދައުލަތުން ދައުވާކުރަން ޖެހޭވަރުގެ ހެކިތަކެއް، ދައުލަތުގެ އެއްވެސް ތަހުގީގީ އިދާރާއަކުން ހޯދައިފިނަމަ އަޅުގަނޑު މިހުރި މަގާމުން އިސްތިއުފާ ދޭނަން" އީސަ ވިދާޅުވިއެވެ.

އަދީބު އިސްވެ ހުންނަވައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްހަ ކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގަ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ޢީސަ އަހަރުމެން ކަލޭ ބުނާ ބަސް ގަބޫލު ނުކުރަން. ޢީސަ އެއްނު ރީތި ރަށުގެ 250 ސްޓާފުން 2500 ޑޮލަރާ ޕާޓީ ޓިކެޓްއަކަށް ވިއްކާލީ

  2. ނަައީމް

    ތިޔަމީހުން ތިކަމެއް ކުރިޔަކަ ނުދޭނެ ނުވެސްކުރާނެ އިބޫވެސް ތިމައްސަލާގަ ޖެހޭނީ ޖަލައްދާން އަދީބު އެބުނަނީ ގިނަރުފިޔާދިނީ އިބޫއަތަށޭ ގިނައިން ދިނީވެސް އެއކޮޅު މީހުނައްވުރެ ދެކޮޅުމީހުންނަށޭ ދެންކިހިނެއް އެކަކުވެސް ސަލާމަތްވާނީ

    11