ކޭޝްކާޑު ބޭނުންކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ނ. އަތޮޅު މާފަރުގ ވަލު ތެރޭގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ކެނދިކުޅުދޫ އޭޓީއެމް އިން އެ ކާޑު ބޭނުންކޮށްގެން 20000 ރުފިޔާ ވަގަށް ނެގި މައްސަލައެެއް ފުލުހުންނަށް މި މަަހުގެ 20 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ކުރި ކަަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މީހުން ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާ 1000 ރުފިޔާ ފެނިފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ މީހުން ވަނީ ދޫކޮށްލާފައެވެ.

ވަގަށް ނެގި ފައިސާތައް

އެ ފައިސާ ހޯދިގޮތުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ވިދާޅުވީ، އެ ފައިސާތައް ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17000 ރުފިޔާ ހޯދިފައިވާ ކަމަށެވެ. އަދި އެ ފައިސާ ފެނިފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

އަދި އެ އޮޕަރޭޝަނުގައި މާފަރު ރައްޔިތުންގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި އެ ދެ މީހުން ވަގަށް ނެގި 20000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18000 ރުފިޔާ މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.