ބ އަތޮޅު ދަރަވަންދޫގައި ކަރަންޓީނާއި ހިލާފުވި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެ، މުޅި ރަށް ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.

އެ ބިދޭސީ މީހާއަކީ މާލެ އިން އެރަށަށް ގޮސް 10 ދުވަސް ވަންދެން ކަރަންޓީންގައި ހުންނަން ޖެހޭ މީހެކެވެ. އެހެން ނަމަވެސް، ބަންގްލަދޭޝްއަށް ނިސްބަތްވާ އެމީހާ ވަނީ ކަރަންޓީން އުސޫލާއި ހިލާފުވެ ރަށު ތެރޭގައި އުޅެފައެވެ.

އޭނާ އެރަށަށް ގޮސްފައި ވަނީ މެއި ހަ ވަނަ ދުވަހު އެވެ.

އެރަށު ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ބިދޭސީ މީހާ ކަރަންޓީން އުސޫލާއި ހިލާފަށް ގެއިން ބޭރުގައި އުޅުނުއިރު، އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ކޮވިޑަށް ފައްސި ކަމަށެވެ.

އަދި އެ މީހާ ރަށުގެ ގިނަ އަދަދެއްގެ ތަންތަނަށް ދިޔަ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެމީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އެހެންކަމުން އޭނާއާ ގާތުން އެއްތާވި މީހުން އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

އެރަށު ކައުންސިލުން ބުނީ، އިއްޔެގެ ވަގުތެއްގައި އެ މީހާ އެރަށު ގެއަކަށާއި، ރޭ އިޝާނަމާދަށް ހުކުރު މިސްކިތަށް ދިޔަ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެ އަތޮޅު އެއާޕޯޓްވެސް ހިންގަމުންދާ އެރަށަށް މިހާރު އަރާ ފޭބުން ވަނީ މަނާކޮށްފައެެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލް ރައީސް އަލީ ސަމީހު ވިދާޅުވީ، އެ ބިދޭސީމީހާ ކޮވިޑަށް ފައްސިކަން އެނގުނީ ރޭ 12:00 ޖެހިއިރު ކަމަށާއި، އޭނާ އަށް އެކަން އަންގަން ދިޔައިރު، ކަރަންޓީންގައި ހުރި ކޮޓަރީގައި އޭނާ ނެތް ކަމަށެވެ.

އެ ބިދޭސީ މީހާއާ ހަވާލާދީ ސަމީހު ވިދާޅުވީ، އޭނާ ހީކުރީ ކޮވިޑަށް ޓެސްޓު ކުރުމުން އެކަން ނިމުނީ ކަމަށެވެ. އެހެންވެ އޭނާ ބޭރަށް ނުކުތީ ކަމަށް ބުނެފައިވާ ކަމަށްވެސް ސަމީހު ވިދާޅުވިއެވެ.

ސަމީހު ވިދާޅުވިގޮތުގައި، އެ ބިދޭސީ މީހާ ހުރި ކުލީ ކޮޓަރިއެއްގައެވެ. އަދި އޭނާ އެތަނުން ސުންކު ނެގި ދުވަހު ނޫން އަނެއް ދުވަހު ނުކުތް ފަހުން، އެތަނަށް އިތުރު ބަޔަކު ވަދެ ތިބިކަން ފާހަގަކުރެއްވިއެވެ. އެތަނުގައި އެއިރު ހަ މީހަކު ތިއްބެވެ. އެހެންކަމުން މިހާރު އެތަނުގައި ތިބި މީހުންވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

މިހާރު އޭނާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އެރަށު 14 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ. އެއީ ގާތްގަނޑަކަށް 30 އަށްވުރެ ގިނަ މީހުންނެވެ.

އެހެންކަމުން މި މީހާއާ ހެދި މިހާރު މުޅި ރަށަށް ވަނީ ބަލީގެ ނުރައްކާ ބޮޑުވެފައެވެ.

މީގެ ކުރިންވެސް ކަރަންޓީން އުސޫލާއި ހިލާފުވި ބައެއް މީހުންގެ ސަބަބުން ބައެއް ރަށްތަކުގެ ތެރޭގައި ބަލި ފެތުރިފައި ވެއެވެ.

މިހާރު އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި ކޮވިޑް ދަނީ ފެތުރެމުންނެވެ. ކޮވިޑްގެ ވޭދަނަތަކެއް ފެނި މިހާރުވެސް އަރާ ފޭބުން މަނާކޮށްފައިވާ 50 އަށްވުރެ ގިނަ ރަށް އެބަހުއްޓެވެ. މީގެ ތެރޭގައި ގިނަ ރަށްތަކުން މިހާރުވެސް ފައްސި އަދަދުތައް އުޅެނީ 100 އިންމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    އެންމެ ބޮޑު މައްސަލަ އަކީ ލިޔެ ކިއުން ނެތި ރަށް ރަށް ބިދޭސީން ނަށް އެރޭ މައްސަލަ އެވެ. ކައުންސިލް އިން ނުބަލަ އެވެ.

  2. ޢަހޮމަދު

    މާލޭގެ ގިނަފިހާރަތަ ކާއި މާރޓްތަ ކުގައި އުޅޭގިނަބަންގާޅީން މާސް ކް އަޅަނީ ދަތްދޮޅީގަ. ޢެއްވެސް އުސޫލަ ކަށް ގަވައިދަ ކަށް ތަބާވާބައެއްނޫންމީ.

  3. ސާދާތު

    ރަށު ކައުންސިލު ފެއިލްވެފަ ތިވަނީ! ނުކުމެ އުޅުނުކަން އެނގުނީ ފައްސިވީމަތަ؟؟ ހަރުދަނާ އުސޫލުތަކެއް ކަރަންޓީނަށް ކަނޑައެލިފައިނެތަކަން އަދި ކަަމަށް ދޭންވާ ސަަމާލުކަން ނުދޭކަން ވަރަށް ސާފު!

  4. ފަރުދާ

    ހުރިހާ ކަމެއް ތަންފީޒް ވަނީ ނިކަމެތި ދިވެހި މީހާގެ މައްޗަށް! އެމީހުން މިގައުމުގައި އުޅޭނެ ގޮތަކަށް އުޅޭއިރު، އެމީހުންގެ މައްޗަށް އެއްވެސް ކަމެއް ތަންފީޒް ނުވެގެން. އުޅޭ ސަބަބު ރައްޔިތުން އަށް ހާމަކޮށްލަދީ...

  5. ހައްވަ

    އަދިވެސް ރަންރީދޫ ނާށިގަޑު ހިފައިގެން ހޯބޯ ލަވަމުން ދުވޭ.. ތިމާމެން ދިރިއުޅޭ ރަށް ބަންގ ، އިންޑިޔާ މީހުންގެ ކަރަންޓީނު ފެސިލިޓީއަކަށް ހެދިއިރު އެކަމަށް އެކަށައެޅޭ އުސޫލުގާއިމުކޮށް ފާރަވެރިވެވުނުބާ؟....ތިތިބީ ފެއިލްވެފަ.. އިސްތިއުފާ ދީފަ ފެއްސިގަނެގެން ދޭ.