ލ.އަތޮޅުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެމީހަކު ނިޔާވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ގަމު މަތިމަރަދޫ އަވަށުގެ މީހަކާއި، އެއަތޮޅު މާވަށު މީހެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. ނިޔާވި އަންހެން މީހާ އަކީ 69 އަހަރުގެ މީހެކެވެ. ފިރިހެންމީހާ އަކީ 87 އަހަރުގެ މީހެކެވެ.

އެޗްޕީއޭ އިން ވިދާޅުވީ 87 އަހަރުގެ މީހާ ނިޔާވީ ރޭ 01:54 ގައި ކަމަށެވެ. 69 އަހަރުގެ މީހާ ނިޔާވީ 03:01 ގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 107 މީހަކު ވަނީ ނިޔާވެފައެވެ.

ލ.އަތޮޅުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 640 އަށްވުރެ މައްޗަށް މިހާރު އަރާފައި ވާއިރު މިއީ ކޮވިޑް ޖެހިގެން ގަމުން މީހަކު ނިޔާވި ފުރަތަމަ ފަހަރެވެ.

ލ.އަތޮޅު މާންދޫ ކޮވިޑް ފެނި، އަދި އޭގެ ފަހުން އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ ކޮވިޑް ފެތުރިފައެވެ. މާންދޫގެ އިތުރުން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ގަމުންނެވެ. ގަމުން މިހާރު ވެސް ދަނީ އެއްވެސް އިހަލަކާއި ގުޅުން ނެތް މީހުން ކޮވިޑަށް ފައްސިވަމުންނެވެ.