ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ރޭ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 49 އަހަރުގެ ހއ. މޮޅަދޫ ބަހާރުގެ، އަބްދުﷲ އަލީ މަނިކު ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މާލެއިންނެވެ.

އޭނާ ހައްޔަރުކުރިކަން ފުލުުހުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާއި އޭނާއާއި ގުޅުން ހުރި ކަމެއް ވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ހައްޔަރުކޮށްފައި ވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމައްޓަކައި މާލެ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށެވެ.

ފުލުހުން ހައްޔަރުކުރި މޮޅަދޫ އަބްދުﷲ އަކީ 2007 ވަނަ އަހަރު އއ.ހިމަންދޫގައި ހަރުކަށި ފިކުރުގެ ބަޔަކު ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރިއިރު އަދި އެމައްސަލައިގައި ސަލާމަތީ ބާރުތަކުން އެރަށަށް އެރުމުން ސަލާމަތީ ބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އުގުރި

  މީދެން ކާ ކުތަ ތިޔަބުނާ ތަނެއް ދޮރެއް ދަންނަ ބުރާޗެއްވެސްނޫ.

  8
  2
 2. ދުންމާރި

  ހަރިކައްޓޭ މަޑު ކައްޓޭ ކިޔާފަވެސް އިސްލާމްދީނަށް ނަސްރުދޭ މުސްލިމުންނަށް ނަސްރުދޭހެން ހީވާ މީހަކުވިޔަސް ދާޖަހައިގެން ހައްޔަރުކޮށް ބަދުނާމުކުރާނެ އެކަމަކު އިސްލާމްދީނުގެ ޢަދުއްވުން މުސްލިމުންގެ ޢަދުއްވުން މިނިވަންކަމާއެކީ ތެޅިބާލަނީ ކިހާ އިންސާފު ދޯ

  10
  3