ރ. އުނގޫފާރު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ހަސަން ފަޒީލް "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން މިއަދު ފްލޫ ކްލިނިކަށް ދައްކަން ޓެސްޓް ހަދާފައިވާ އަންހެނެއް ކަމަށެވެ.

އޭނާ އަކީ ކަރަންޓީނުގައި ނެތް މީހެއް ކަމުން އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ.

އުނގޫފާރުން ފައްސި ވޭދަނައެއް ފެނުމާއި ގުޅިގެން މިވަގުތު ބަލަން ޖެހޭ ކަންކަން ބަލައި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަދިވެސް ސަރުކާރުން އަޅާފައެއް ނުވެއެވެ.

މާލޭގެ އިތުރުން ފަހަކަށް އައިސް އަތޮޅު ތެރޭގެ ރަށްތަކުން ވެސް މީހުން ފައްސިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު، 1،465 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 244 މީހަކީ އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާ މީހުންނެވެ. މިއާއި އެކީ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 47،421 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު 29،086 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 18،221 މީހަކަށެވެ. އޭގެ ތެރެއިން 268 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި މި ބަލީގައި ރާއްޖެއިން 112 މީހަކު ވަނީ ނިޔާވެފައެވެ.