ށ. ކަނޑިތީމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

އަތޮޅު ތެރޭގެ ރަށްތަކުން ކޮވިޑް-19 ގެ ވޭދަނަތައް ފެންނަމުން އަންނަ މި ދަނޑިވަޅުގައި ކަނޑިތީމުން އެންމެ ފުރަތަމަ ބަލީގެ ވޭދަނަތަކެއް ފެނިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު އެރަށުން ފައްސިވެފައިވަނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ސުންކު ނެގި މީހަކާއި ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 3 މީހެކެވެ.

ކަނޑިތީމުގެ ރައީސް އަހުމަދު އަހުސަން "ވަގުތު" އަށް ވިދާޅުވީ، މިއަދާއި ހަމައަށް އެރަށުން ފައްސިވެފައިވާ މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ.

40 މީހަކު އެރަށުން ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންގެ ސުންކު ނަގައި ބެލި ބެލުމުން ކަމަށް އަހުސަން ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖުމްލަ 112 ސުންކު ނެގިފައިވާ ކަމަށް އަހުސަން ވިދާޅުވިއެވެ.

މީގެ އިތުރުން މި ވޭދަނަތަކާއި ގުޅިގެން 74 ގެއެއް މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އަދި ވެސް އެއަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ، ރަށުގެ އާއްމު ހާލަތު މިވަގުތު ރަނގަޅުވި ނަމަވެސް، ވޭދަނަތައް އިތުރުވެ، ހާލަތު ގޯސްވެއްޖެނަމަ، ކާބޯތަކެތީގެ ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިހާލަތުގައި ހުރިހާ ރައްޔިތުން ގެއިން ބޭރަށް ނުގޮސް ގޭގައި ތިއްބެވުމަށް އަހުސަން ވަނީ އިލްތިމާސް ކޮށްފައެވެ.

"މިއީ ނާޒުކު ވަގުތު ކޮޅެއް. ވީހާވެސް ގިނައިން ގޭގައި ތިބެ، ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުދިއުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ގޭގައި ބޭނުން ކުރައްވާ ތަކެތި މި ހާލަތުގައި މަދުން ބޭނުންކޮށް، އިސްރާފު ވީހާވެސް ކުޑަކޮށްގެން ގެންގުޅުމަށް އަޅުގަނޑު އިލްތިމާސް ކުރަން" އަހުސަން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 47،421 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 1،465 މީހަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިއަދަދުތަކުން ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ހާމަވެއެވެ.

ރާއްޖެއިން މި ބަލި ޖެހުނު 29،086 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 18،221 މީހަކަށެވެ. އޭގެ ތެރެއިން 268 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި މި ބަލީގައި ރާއްޖެއިން 112 މީހަކު ވަނީ ނިޔާވެފައެވެ.