އައްޑޫ، ފުވައްމުލަށް އަދި ލ.ގަމުގައި ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް ކާފިއު ހިންގަން ނިންމާ، އެރަށްތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތައް މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ދިގު ދައްމާލަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައިފިއެވެ.

މައިމޫނާ ދެންމެ ނެރުއްވި އެންގެވުމެއްގައި ވިދާޅުވީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއާއި، ލ.ގަމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެތެރޭގައި ކާފިއު ހިންގުމުގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން. ފުވައްމުލައް ސިޓީއާއި ލ.ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން ހިމެނެއެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުންވެސް ހިމެނެއެވެ.

މީގެ އިތުރުން ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާންގައި އެއްވެއުޅުން ހުއްޓައިލުމަށާއި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށް ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ ނިންމާފައެވެ.

ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށާއި ފިހާރަތަކުން ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވެސް މައިމޫނާގެ އެންގުމުގައި ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް، ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެއެވެ.

އައްޑޫ، ފުވައްމުލަށް އަދި ލ.ގަމުގައި ހަވީރު ހަތަރަކުން ފެށިގެން ކާފިއު ހިންގަން ނިންމިއިރު އައްޑޫ، ފުވައްމުލަށް އަދި ލ.ގަމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.