ރައްޔިތުންގެ މަޖިލިހުގެ ކެންދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައިގައި އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަދި ނައިބް ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަސްރާ އިއްޔެ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ދެއްވައިފައެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށި ނަމަވެސް އީސަ ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދާތީ ބައެއް އާންމުން ވަނީ ކަންބޮޑުވެފައެވެ.

އިޖްތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ މުގައްރިރު އީސަގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވިފައިވާތީ އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީސަ މުގައްރިރު ކަމުން ވަކި ކުރުމަށް ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެ ކަމުގެ ނޯޓިސް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މުގައްރިރު ކަމުން އީސަ ވަކި ކުރެވޭނީ ކޮމިޓީ މެމްބަރުންގެ މެދުގައި ނަގާ ވޯޓުގައި އޭނާއާ ވަކި ކުރަން ފެންނަ ކަމަށް ކޮމިޓީގެ އަޣުބިއްޔަތު ލިބިއްޖެ ނަމައެވެ.

އީސަ ދިރިއުޅޭ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. އެއް އެޕާޓްމެންޓެއްގައި ދިރިއުޅުއްވިޔަސް ދެމީހުން ވަނީ ވަރިވެފައެވެ. ނަމަވެސް އަދިވެސް ކޯޓުން ވަރިކޮށެއް ނުދެއެވެ.

ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މިކަމާއި ގުޅޭ ގޮތުން އީސައަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ވަރިވެފަ ތިބި ބަޔަކު ވަރިކުރާކަށްނުޖެހެ. ދެން ޖެހޭނީ ވަރި ސާބިތުކުރަން. ދެން ދާނީ އެކަން.

 2. ހަސަނާ

  65 ސުޕަރމެޖޯރިޓި އާއިއެކު ކިބުރުވެރުވެރިފަ މިމީހުންނޫން އެންމެންނަކީ ހައްގެއްވެސް އޮތްބައެއްނޫން ކޮވިޑުބަލީގަ މޫޅިގައުމު މިއޮއްފަނާވަނީ މީ އެބައިމީހުންވިސްނަންވެސްބޭނުން ކަމެއްނޫން ކޮވިޝީލްޑުވެކުސިނެކޭ ވެންޓިލޭޓަރުތަކޭ ހަމައެއްގޮތް ކޮބާތޯ އިންޑިއާއެމްބަސީ ކުޑަމިނުން 29ހާސް ޑޯޒުހޯދަދީބަލަ އޭރުންވެސް އެތައްބައެއްގެ ހައްގު ލިބޭނެ ރައްޔިތުންގެސަކުވާ އަޑުއަހާނެ ބައެއްނެތް މައްސަލައެއްވެއްދިއަސް ކޮއްލަނީ ބޭރު ދިވެހިރައްޔިތުންނޭ ސިޔާސީމީހުންގެ މަކަރު ދެނެގަނޭ...

 3. ޙަސަނާ

  މިކަހަލަ މަސްތުވާމީހުން މެމްބަރުކަމުންވެސްވަކިކުރޭ އިއްޒަތްތެރި މާތް މެމްބަރުންނޭ ރައްޔިތުންނޭ

 4. ކާފަބޭ2020

  ރޯޔަލްރޭޕް އަދިވެސްދަނީކުރިއަށް ތަހްގީގު ކުރިއަށްދަނީ މައުލޫމާތު އިތުރަށްހޯދަނީ ބުރިޖްއަޅަން ޕްލޭންހަދަނީ ޖަގަހަހަދަންރާވަނީ އިތުރުފުލެޓްއަޅާދޭނެމީހުންހޯދަނީ ސްޕާގެޚިދުމަތްދޭނެބަޔެއްހޯދަނީ ބަޖެޓުއިތުރަށްހުސްވާނެގޮތެއް ހޯދަނީ ދަރަނިދައްކަންލޯނުދޭނެބަޔެއްހޯދަނީ ރައިއްޔަތުންއަތުން އަދިވެސްއިތުރަށް ރުފިޔާފައިސާހޯދޭނެގޮތެއްބަލަނީ!!!!!! މިނޫންވަރެއްއެބަވޭތޯ؟؟؟؟؟؟