ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގަށް ފާރަވެރިވާން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ނިންމައިފިއެވެ.

ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު "ވަގުތު" އަށް ވިދާޅުވީ، އީސައަކީ ސިޔާސީ ގޮތުން އިސް ބޭފުޅަކަށް ވެސް ވާތީ ހައި ޕްރޮފައިލް މީހުންގެ މައްސަލަތަކަށް އިސްކަން ދީގެން އެ މައްސަލަތަކުގެ ތަހުގީގަށް ފާރަވެރިވާން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ.

"ތަހުގީގީ އިދާރާތަކުން މި މައްސަލަ ބަލަން ޖެހޭ އެކަށީގެންވާ ގޮތެއްގައި ބަލާކަން، ތަހުގީގު ކުރޭތޯ، އަޅުގަނޑުމެން ކޮމިޓީން ވަރަށް ގާތުން ބަލާނަން، އެއީ އަޅުގަނޑުމެންގެ މެންޑޭޓަަކަށް ވެސް އޮންނަ ކަމަކީ،" ޖީހާން ވިދާޅުވިއެވެ.

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ. އީސަގެ ބަޔާން ނެގި ކަމެއް އަދި ނޭނގެއެވެ.

އީސައަށް ކުރެވޭ އެ ތުހުމަތާ ގުޅިގެން، އޭނާ މުގައްރިރު ކަން ކުރައްވާ އިޖްތިމާއީ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އޭނާ އެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފައެވެ. އިޖްތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ މުގައްރިރު ކަމުން އީސަ ވަކިކުރުމުގެ މައްސަލަ ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނ

    ބަލަ މި ޖީހަނުގެ ފިރިމިހަގެ މައްސަލަ ކޮބައިތަ

  2. ކޮވިޑް

    ފާރަވެރި ވެބަލަ ފުރަތަމަ މުގައްރިރުގެ ރޯޔާލް ފިރިކަލުން ނަށް؟ މި ގައުނުގަ ހަމަ އިންސާފުން ހިނގާ އެއްވެސް ކަމެއް ނެތީއޭ މި ނާޤާބިލް ވެރިކަމުގަ. ކިހާ ދެރަކަމެއް މީ.

  3. ބިންގޯ

    މަޖިލީހު ރައީސް މިހާރު އޮންނާނީ ހަދަންވީ ގޮއި އަންގާފަ. ދެން އެޔަކަށް ބަދަލެއް ނުގެނެވޭނެ.