ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅި 24 ގަޑިއިރަށް ވުރެ ގިނަ އިރު ވުމުން، ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި ގެވެށި އަނިޔާއާއި، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އިންތިހާއަށް ބޮޑުވެ، އެ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވަމުން ދާތީ ކަމުގައި އެ ކޯލިޝަނުން ދެކެ ކަމަށެވެ.

ފަހަކަށް އައިސް އެފަދަ އަނިޔާތައް ހިންގާފައިވާ ފަރާތްތަކުގެ ތެރޭގައި މިފަދަ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާއާއި ޙަވާލުވެވަޑައިގެން ތިއްބަވާ ނުވަތަ އެފަދަ ފަރާތްތަކާއި ޢާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުންނާއި ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅުން ވެސް ހިމެނޭއިރު، ސިޔާސީ ނުފޫޒުން އެ މައްސަލައެއް އޮބިގެންދާ މަންޒަރު ފެންނަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތަކުގެ ތަހުގީގު ގެންދަން ވާނީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް، އެ ފިޔަވަޅު އެޅުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމަ ތަންފީޒުކޮށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން ފެށިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ މީހަކަށް ވެސް އެޅުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަސްރާ އާއި ދަރިފުޅަށް މެންބަރު އީސަގެ ފަރާތުން ކުރިމަތި ކަންކަމުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ. އަދި އީސައާ ދެކޮޅަށް އަސްރާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

އީސަގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފުލުހުން ފޮނުވާފައިވާ ކަން މައުލޫމާތު ލިބޭއިރު އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ . ޖ . އ

    ހަމަ ތިޔަހެން އެމްއެމްޕީއާރްސީ ލިސްޓުގެ ވާހަކަ ވެސް ކިޔާލަބަލަ

  2. ކޭ މާޓު

    ޢީސަ މިމީހުން ޕާޓީ އަށް ގެންދަން ވީ އެއް ނޫން

  3. ނަރެލް

    ހާދަވަރަކަށް ތިޔަކެކިގަތީ އެމްއެމްޕީއާރުސީ އޮއްބާލަންކަމަށްތަ އެކަންވެސް ހުއްޓާނުލާ ހިނގަންވާނެ

  4. ހ މ ޒ

    ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، އީސައަކީ ސިޔާސީ ގޮތުން އިސް ބޭފުޅަކަށް ވެސް ވާތީ ހައި ޕްރޮފައިލް މީހުންގެ މައްސަލަތަކަށް އިސްކަން ދީގެން އެ މައްސަލަތަކުގެ ތަހުގީގަށް ފާރަވެރިވާން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ.

  5. އީސަ

    ފާރަވެރި ވެބަލަ ފުރަތަމަ މުގައްރިރުގެ ރޯޔާލް ފިރިކަލުން ނަށް؟